ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިންގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ބެލެން ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ޝަންގްރިލާ ހޮޓެލްސްގައި މަސައްކަތް ކުރެއްވިއިރު ކުންފުންޏަށް މަކަރު ހަދާ ހިޔާނާތްތެރިވި ކަމަށް ބުނެއެވެ.
އެ މައްސަލަ އިއްޔެ ކޯޓުން ބޭރުކޮށްލިއިރު، ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުންކަން ދައުވާ ފޯމަށް ބެލުމުން އެނގެން އޮތް ކަމަށެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 120 ވަނަ މައްދާގެ ނ. އާއި ހަވާލާދީ އެ ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލާގައި ޝުޖާއު މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ މައްޗަށް ކޮށްފައިވާ އެ ދައުވާއަކީ ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ދައުވާ އެއްކަމަށެވެ.