ޚަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ވާނީ ދިވެހިންނަށް: ސިޔާމު

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ވާނީ ދިވެހިންނަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިމަންވޭޖު ގަރާރަށް ވާހަކަ ދައްކަވަމުން ސިޔާމު ވިދާޅުވީ، އިގްތިސޯދަކީ އަބަދުވެސް ސަޕްލައި އެންޑް ޑިމާންޑަށް ދައުރު ކުރާ އެއްޗެއް ކަމަށާއި އެންމެ ކުޑަ އުޖޫރަ ކަނޑައަޅަންޖެހޭނީ ވިޔަފާރިތައް ހަލާކު ނުވާނެ ގޮތަކަށް ކަމަށެވެ.

އެކަމަށް ނުބަލައި ކަނޑައަޅާ ގޮތަކުން އިގުތިސޯދު ފުނޑުފުނޑުވެ ހަލާކުވެދާނެ ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ ރާއްޖޭގައި ވަޒީފާތައް އެބައޮތް ކަމަށެވެ. އެހެންކަމުން ވަޒީފާ ބޭނުން މީހުންނަށް ވަޒީފާ ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ، އެންމެ އަގުހެޔޮކޮށް ލޭބަރުން ލިބެނީ ބަންގްލަދޭޝްއިން ކަމށެވެ. އަދި ޑިމާންޑް އެންޑް ސަޕްލައިއަށް ވިސްނާއިރު އަގުހެޔޮ ތަނަކުން ލޭބަރުން ގެނައުމަކީ ވިޔަފާރީގެ އުސޫލު ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ޓެކްސް ނަގާމިންވަރު މަތިކަންވެސް ސިޔާމު ފާހަގަ ކުރެއްވިއެވެ.

ސިޔާމު ވިދާޅުވީ، މުޅި ދުނިޔޭގައި ވެސް ޓެކްސް ނުނަގާ ވަރަށް ރާއްޖޭގައި ޓެކްސް ނަގަމުންދާ ކަމަށެވެ.

ވިޔަފާރި ކޮށްގެން ލިބޭ އެއްޗެއްގެ 65 ޕަސެންޓާއި 70 ޕަސަންޓް ދައްކަންޖެހެނީ ދައުލަތަށް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.