ޚަބަރު

ރިލްވާންގެ މައްސަލާގައި ދިފާއީ ވަކީލަކަށް ޖަމީލް ވުމަކީ ކުށްކުރުމުގައި ވާގިވެރި ވުމެއް ނޫން: ސަލްޓަން ޗެމްބާސް

މަރިޔަމް ޝަހުދާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަރަކާތްތެރިވުމަކީ ކުށްކުރުމުގައި ވާގިވެރިވުން ކަމުގައި ނުބެލެވޭނެ ކަމަށް ޕާޓްނަރެއްގެ ގޮތުގައި ޖަމީލް އުޅުއްވާ ސަލްޓަން ޗެމްބާސް އެލްއެލްޕީ އިން ބުނެފިއެވެ.

ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޖަމީލް ހަރަކާތްތެރިވަމުންދާތީ އެމަނިކުފާނަށް ފާޑުކިޔުން އަމާޒު ވަމުންދާތީ، ސަލްޓަން ޗެމްބާސް އިން މިއަދު ނެރުނު ނޫށް ބަޔާނެއްގައި ބުނީ، ޖަމީލަކީ އެ ކުންފުނީގެ ޕާޓްނަރެއް ކަމަށާއި އަދި ރިލްވާން މައްސަލާގައި ޖަމީލް ވަކާލާތު ކުރައްވަނީ އެ ކުންފުނީގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ.

ގާނޫނީ ވަކީލެއް ހޯދުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއްކަން ފާހަގަކޮށް އެ ކުންފުނިން އިތުރަށް ބުނީ، ޑިމޮކްރަސީގެ އަސާސުތަކުގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް އެ ކުށުން ބަރީއަ ވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތާއި އެމީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު ގާނޫނު އަސާސީ އިން ލިބިދޭންޖެހޭ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ އެހައްގު ކަށަވަރު ކުރުމަގައި އެހީތެރިވުމަކީ ގާނޫނީ ވަކީލުކަމުގެ ހުވާކޮށްގެން ތިބި ކޮންމެ ވަކީލެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން މީހަކު ކުށެއްކުރިކަން ޝައްކެއް ނެތް މިންވަރަކަށް ކޯޓަކުން ސާބިތު ނުކުރެވެނީސް އެމީހަކީ ގާނޫނުގެ ކުރިމަތީ ކުށެއް ނުކުރާ މީހެއް ކަމަށާއި ކޯޓުން ސާބިތުނުވާ ކަމެއްގައި އެމީހަކީ ކުށްވެރިއެއް ކަމަށް ދެކުމަކީ އޭނާގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ވެސް ސަލްޓަން ޗެމްބާސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ގާނޫނުން ވެސް ކޮންމެ މީހަކަށް އެމީހެއްގެ އަބުރު ރައްކާތެރި ކުރުމުގެ ހައްގު ލިބިގެންވާއިރު ކުށުގެ ތުހުމަތު ކުރެވޭ މީހަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށްކުރުމަށް ވާގިވެރިވުމެއް ނޫން ކަމަށް އެކުންފުނިން ބުނެއެވެ.

އަދި މީޑިއާ ތަކުގަޔާއި އެހެނިހެން ފޯރަމްތަކުގައި ކުށުގެ ތުހުމަތު ކުރެވޭ މީހަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށަށް ވާގިވެރިވުން ކަމަށާއި އެ މޭރުމުން ވާހަކަ ދެއްކުމީ ގާނޫނު ތަކުގެ ރޫހާއި ގާނޫނު އަސާސީ އާއި ވެސް ހިލާފު ކަމެއް ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބުނީ، ސަލްޓަން ޗެމްބާސް އިން އަބަދުވެސް މަސައްކަތް ކުރާނީ ތަފާތު ކަމެއް ނެތި އެންމެނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި ކޮންމެ މީހެއް ނަމަވެސް އެމީހެއްގެ ހައްގުތައް ކަށަވަރު ކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.