ޚަބަރު

ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރު ކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި

އިބްރާހިމް ޒަކީ

ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، އެހެން ބޯޓަކަށް ނަގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު މެންދުރު 13:10 ހާއިރު އެވެ.

އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އަދި، މި 9 މީހުން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ބޯޓު، ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށެވެ. މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި 9 މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މި މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ބޯޓު އަޑިއަށްދިޔަ ވަކި ސަރަޙައްދެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.