މިނިސްޓަރު އަހުމަދު މަޙުލޫފް

ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް މަރީ އާއި މުއީނާ

އާނިފާ ހުސެއިން ސިރާޖް

މަޝްހޫރު ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) އަދި ތަޖުރިބާކާރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ރާއްޖޭގެ ވެލްނެސް އެމްބެސެޑަރުންނަށް ހަމަޖައްސައިފިއެވެ.

ކުޅިވަރު އަދި ފިޓްނަސްގެ ދެ ޗެމްޕިއަނުން ކަމުގައިވާ މަރީއާއި މުއީނާ، ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރުންނަށް ހަމަޖެއްސިކަން އިއުލާނުކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ދުޅަހެޔޮ ކަމަކީ ފަސޭހަ ކަމެއް ކަމަށް ހެދުމަށް ހިންގުމަށް ހަމަޖައްސާފައިވާ ''މިޝަން ފިޓް މޯލްޑިވްސް'' ހަރަކާތުގައި، ސުނިލް ޝެޓީ އާއެކު މަސައްކަތް ކުރާނީ މުއިނާ އާއި މަރީ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ބޮލީވުޑް ތަރި ސުނިލް ޝެޓީ ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ހަމަޖައްސާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ދާދި ފަހުން އޮތް ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ފަސް ކިލޯމީޓަރު ދުވުމުން އެއްވަނަ ހޯދައި އަދި ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ދުވި މަރީ އަކީ ގައުމީ އެތުލެޓިކްސް މުބާރާތުގެ ޗެމްޕިއަނެއް ވެސް މެ އެވެ.

މުއީނާ އަކީ ޓީޓީގައި ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދާދި ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓިމަށް ކުޅެ، ރަން މެޑަލްވެސް ހޯދާފައެވެ.

''މިޝަން ފިޓް މޯލްޑިވްސް'' ގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ޓްރެއިން ކޮށްފައިވާ ސްޕޯޓް ކައުންސިލަރެއް، ރަށުގައި ފިޓްނަސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އައްޔަން ކުރާނެ ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުން ކަމަށާއި މި މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު 61 އައުޓްޑޯ ޖިމެއް އެކި ރަށްރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.