އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވަން ނިންމި ނިންމުން، ބަދަލު ކޮށް އެ ނަންތަން ދިރާސާކޮށް ކޮމިޓީން ފޮނުވި ރިޕޯޓް މަޖިލީހުގެ ތެޅުމަށް ގެންނަން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވައި ލެއްވީ އެ ދެނަން ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ފޮނުއްވި ރިޕޯޓްގައި ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރިޕޯޓް ފޮނުއްވި އިރު، ކޮމިޓީން ކަމެއް ފާހަގަ ކޮށްފައި ނުވުމުގެ އިތުރުން ގޮތެއް ނިންމާފައިވެސް ނުވާ ކަމަށެވެ.
އެހެންކަމުން ކޮމިޓީން އެކަމަށް ގޮތެއް ނިންމުމަށް އެދި އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުއްވީ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގެ މަސައްކަތް ނިންމާލަން ތައްޔާރުވެފައި ވަނިކޮށް ރިޔާތަރުގެ ސަމާލު ކަމަށް އެ މައްސަލަ ގެންނެވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
އާޒިމްގެ އިތުރުން ޖުޑިޝަރީ ކޮމިޓީގެ މެމްބަރު، ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވެސް އާޒިމްގެ ވާހަކައަށް ތާއީދު ކުރައްވައި ވިދާޅުވީ ޖުޑިޝަރީ ކޮމިޓީން އަމަލުކޮށްފައި އޮތީ ރަނގަޅަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް އަމަލުކުރީ ހަމަ އެ އުސޫލުން ކަމަށް ހިސާން ވިދާޅުވިއެވެ.
އެބޭފުޅުންގެ ވާހަކަ އެއްސެވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، އެ ރިޕޯޓް ކޮމިޓީއަށް ފޮނުއްވައިލެއްވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންނައި އެ ރިޕޯޓުގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދަން މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެެޖެންޑާގައި ހިމަނުއްވާނެ ކަމަށެވެ.