ޚަބަރު

މަޖިލިސް ތަޅުމުގައި ޝަރީފަށް ގާސިމް ހަމަލާ ދެއްވައިފިކަމަށް އާޒިމް ވިދާޅުވެއްޖެ

އިބްރާހިމް ޒަކީ

މަޖިލިސް ތަޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ހަމަލާ ދެއްވައިފި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިމަމްވޭޖުގެ ގަރާރަށް ކުރިއަށްދިޔަ ބަހުސްގެ ވަކި ހިސާބަކުން ނިޒާމީ މައްސަލަ ނަންގަވައި، މެދު ހެންވޭރު ދާނެ މެންބަރު ވިދާޅުވީ، މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަމަލާ ދެއްވުމާ ގުޅިގެން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އަނބުގައި ގެންފައިވާ ހާލު ގޮނޑީގައި އެބަ އިންނެވި ކަމަށެވެ. އަދި އެއީ މަޖިލިސް ތެރޭގައި ހިނގަންވާނެ ކަމެއްނޫން ކަމަށާއި އެއީ ބަލަންޖެހޭކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނެވީ ކަމަށެވެ.

"މި މަޖިލީހުގެތެރޭގައި ހިނގާ ކޮންމެ ކަމެއް އަޅުގަނދު ގަބޫލު ކުރާ ގޮތުގައި ނިޒާމީ މައްސަލައަކަށްވާނެ، އަޅުގަނޑުގެ އަހު، ކެލާ ދާއިރާގެ އިއްޒަތްތެރި މެންބަރު އަނބުރައިގެންފަ ހަގީގަތުގަވެސް ހަމަ ސީރިއަސްކޮށް ގޮނޑީގަ އެބަ އިންނެވި މާމިނގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަމަލާ ދިނީމަ، އެހެންވީމަ މީ ވަރަށްބޮޑު މައްސަލައެއް، ބަލަންޖެހޭ މައްސަލައެއް، މިކަހަލަ ކަންކަން މަޖިލިސް ތެރޭގައި ހިނގައިގެންވާނެ ކަމަަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެހެންވީމާ އިއްޒަތްތެރި ރައީސްގެ ސަމާލު ކަމަށް ގެނައުމަށް މިވާހަކަ ދަންނަވާލީ ޕާލަމެންޓް ގްރޫޕުގެ ލީޑަރެއްގެ ހައިސިއްޔަތުން،" އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް އެހެން ވިދާޅުވީތާ ކުޑަ އިރުކޮޅެއް ފަހުން، އިބްރާހީމް ޝަރީފަށް މަޖިލީހުން ބޭރަށް ނިކުންނަވާކަމަށް ވިދާޅުވެ އޭނާގެ ހާލު ބެއްލެވުމަށް މަޖިލިސް ރައީސް މަޖިލީހުގެ ސާޖެންޓް އެޓްއާމްސްއަށް އެންގެވިއެވެ.

މިމައްސަލައާ ގުޅިގެން ގާސިމް ވިދާޅުވީ ޝަރީފަށް ހަމަލާ ނުދެއްވާ ކަމަށެވެ.

މަޖިލީހުގައި ވާހަކަދައްކަމުން އެ ހާދިސާއަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، އިގުތިސާދީ ކޮމިޓީ ނިންމަވައި ކޮމިޓީ ރޫމުން ނިކުންނަވަމުން ކުރެއްވި ސަމާސާއެއްގައި ގާސިމްގެ އަތް ހޫރުވައި ލެއްވުމުން އަތްތިލައިގެ ބޭފުށުން ގޮސް ޝަރީފުގެ ބޮލުގެ ފުއްކިބައިގައި ޖެހުނީ ކަމަށެވެ. އަދި އަތް ޖެހުނީވެސް ވަރަށް މަޑު މަޑުން ކަމަށާއި އެވަގުތު އެތާ އެހެން މެންބަރުންވެސް ތިއްބެވި ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއީ ގާސިމް އަތުން ޖެހިންގެން ވި ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ނަމަވެސް އެއީ ބްލަޑް ޕަރެޝަރުގެ ކަމަކަށް ވެދާނެ ކަމަށެވެ.

އަދި އަލީ އާޒިމް އެވާހަ ދެއްކެވިގޮތުން މީހެއްގެ ގައިގައި ތަޅައިގަނެހެންއުޅޭކަމަށް ހީވެދާނެދީ އެވާހަކަ އޮޅުންފިލުއްވައިދެއްވީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.