ޚަބަރު

އަނިޔާވެރިވުމަށް ގޮވި ޒުވާނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލަމުންދިޔަ ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ގެންދިއުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުންދިޔަ މައްސަލައެއްގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނަކުން ކަމެއް، އަދި އެކަމާގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދިވެސް ހާމައެއް ނުކުރެއެވެ.