އިބްރާހިމް ޒަކީ
ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކުގެ ދައުރު ފަސް އަހަރަށް ދިގުކޮށް، ކައުންސިލް ތަކުގެ ރައީސުންނާއި ނާއިބު ރައީސުން ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވަންޖެހޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ މި އިސްލާހަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރި ކުރުވުމަށްޓަކައި ގެންނަން ހުށަހަޅާފައިވާ އިސްލާހެކެވެ.
މި އިސްލާހުގައި އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލްގައި ބުނެފައިވަނީ، މިއީ ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި ގެންނަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ގާނޫނުއަސާސީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށްވެސް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.