އިބްރާހިމް ޒަކީ
މޯލްޑީވްސް ގޭސް އިން ރާއްޖޭން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަން އަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާފައިވާ މައްސަލައިގައި އެ ކުންފުނީގެ އިސްބޭފުޅުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެ މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް، މިއަދު 2:00 ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމުގައި އެބޭފުޅުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިމައްސަލައިގައި ކޮމިޓީން އެ ބޭފުޅުންނާ ބައްދަލު ކުރާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ވަނީ ސަސްޕެންޑް ކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން" އަށް މީގެ ކުރިން ވިދާޅުވީ ޝަޒައިލް ސަސްޕެންޑްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ މައްސަލައިގެ އިތުރުން، ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓުދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ އޮންލައިން ޕޯޓަލްއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހޫދު ވިދާޅުވީ، މިމަހު 15 ވަނަ ދުވަހު ޝަޒައިލް ސަސްޕެންޑްކޮށްފައި ވަނީ މި ދެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.