ޚަބަރު

ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގާ މީހުންގެ ސާފު މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އަލްގައިދާ އާއި އެހެނިހެން ޓެރަރިސްޓް ޖަމާއަތްތައް ރާއްޖޭގައި އުފައްދައި ރާވާ ހިންގާ މީހުންގެ ސާފު މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޓެރަރިސްޓް ހަރަކާތްތައް ރާއްޖޭގެ ފަސްގަނޑުގައި ތިބެގެން ރާވައި ހިންގާ މީހުންގެ ސާފު މައުލޫމާތު ފުލުހުންނަށް ލިބުނު ނަމަވެސް އެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ނުކުޅެދިފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެކަންކަން ހުއްޓުވުމަށް ސަރުކާރުން ބޭނުންވެގެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް، މެންބަރުން ހޭލާ ތިބެގެން، ބޭނުންވާ ގާނޫނުތަކަށް ބޭނުންވާ އިސްލާހު ގެނަސްދީފައިވާނެ ކަމަށެވެ. އަދި އެއީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއްނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ނުރހުން ފާޅުކޮށް ބައެއް ރަށްރަށުގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ މި ވަގުތަށް ރާއްޖެއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ.

އަދި އެ މުޒާހަރާ ތަކަކީ އެހެން ގައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކުގެ ތަހުގީގުތަކަށް ސަރުކާރުން ކުރަން ފެށުމުން އެ ކަންތައްތަކަށް ހިޔަނި އަޅައި ހުރަސް އެޅުމަށް ކުރާ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.