ޚަބަރު

މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުއްވި މަހްޒޫމް އާއި ސާޖިދުގެ ނަން ދިރާސާ ކުރަން ކޮމިޓީއަށް

އިބްރާހިމް ޒަކީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ދެބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިސްކަން ދެއްވާފައިވާ ތަރުތީބުން، "މަހްޒޫމް ސަލީމް ކ. ކާށިދޫ ޝަބްނަމްގެ އަދި އިސްމާއިލް ސާޖިދު މއ.ވިލާރޮދި " މި ދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއް ވުމުން އެ ދެބޭފޫޅުންގެ ނަން ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ބޭފުޅަކު އައްޔަނު ކުރުުގެ މައްސަަލަ ކޮމިޓީއަށް ފޮނުވިއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ވެސް އެ ކޮމިޓީން ގެންދަނީ ދިރާސާ ކުރަމުންނެވެ.

މި މަގާމުތަކަށް އައްޔަނުކުރުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ފޮނުއްވައިފައެވެ.

އެއީ ފަތުހުﷲ ޖަމީލް ތ. ތިމަރަފުށި ފިނިފެންމާގެ އާއި އިސްމާއިލް ނާޝިދު ހ. ސެނާ އެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހަ ނަންފުޅެއް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

މުހައްމަދު ސިރާޖު މުނީރު، ދަޑިމަގު ނިއުލައިޓް، ޏ. ފުވައްމުލައް،

އަސްމާ ޝަފީއު ހއ. އިހަވަންދޫ ވައިޖެހޭގެ

އިސްމާއިލް ސާޖިދު، މއ. ވިލާރޮދި

އަހްމަދް ޝަރީފް، ނ. މަނަދޫ އަނބުގަސްދޮށުގެ،

އަހްމަދު ވާފިރު، ވ. އެލަމް

ހަމްދީ އަގީލް، ހ .ރަންގިލި

މިބޭފުޅުންގެ ތެރެއިން ކަނޑައަޅާފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާމެދު މަޖިލީހުން ގޮތެއް ކަނއަޅާނީ، އެ ނަން ފުޅުތައް ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވުމުންނެވެ.