ޚަބަރު

ދިޔާނާ އާއި މަހާޒް ގެ ތެރެއިިން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގެ މައްސަލަ އަލުން ކޮމިޓީއަށް

އިބްރާހިމް ޒަކީ

5

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދެ ބޭފުޅުން ކަމަށްވާ، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އާއި ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ނަންފުޅު ދިރާސާކޮށް ކޮމެޓީން އެކުލަވާލި ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް އަލުން އެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަސާގައި އެ މައްސަލަ އަލުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވަމުުން މަޖިލީހުގެ ރައީސް މުހައްމައު ނަޝީދު ވިދާޅުވީ އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވައި ލެއްވީ އެ ދެނަން ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ފޮނުއްވި ރިޕޯޓްގައި ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ރިޕޯޓް ފޮނުއްވި އިރު، ކޮމިޓީން ކަމެއް ފާހަގަ ކޮށްފައި ނުވުމުގެ އިތުރުން ގޮތެއް ނިންމާފައިވެސް ނުވާ ކަމަށެވެ.

އެހެންކަމުން ކޮމިޓީން އެކަމަށް ގޮތެއް ނިންމުމަށް އެދި އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުއްވީއެވެ.

މަހާޒް އާއި ދިޔާނާ، ގެ ތެެރެއިން ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވެވީ، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް އެންމެ އިސްކަންދޭ ދެ ނަމެއް ފާހަގަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައި ވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ.

ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ އާއި، ފަނޑިޔާރުއަލްއުސްތާޒު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟