ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގެން އެހެން ދިމާއަކުން ސިޔާސީ މަސައްކަތުން ފެނިދާނެތޯ ޕްރޮގްރާމްގެ ޕްރެސެންޓަރު ސުވާލު ދެންނެވުމުން، ނަހުލާ ދެއްވީ ވަރަށް ޑިޕްލޮމެޓިކް ޖަވާބެކެވެ.
"ޖުމުހޫރީ ޕާޓީ ނޫން ޕާޓީއަކުން ނުފެންނަންވީ ސަބަބެއް ނެތް. އެކަމަކު އަޅުގަނޑު ޖުމުހޫރީ ޕާޓީން ވަކިވާން ޖެހޭ ސަބަބެއް ވެސް ނެތް." ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވާ ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ޖުމުހޫރީ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ހިމާޔަތުގައި ކަމަށެވެ.
ވަޒީރުކަމަށް ވަޑައިގެންނެވި ގޮތާ ގުޅޭ ގޮތުން ނަހުލާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހު ކުރީން މަޝްވަރާ ކުރެއްވި ކަމަށާއި އެހެން ނަމަވެސް ލައްވަނީ ކޮން މިނިސްޓްރީއަކަށް ކަން ވިދާޅުވީ ހުވައިކުރުމުގެ ރަސްމިއްޔާތުގެ ކުޑަ އިރުކޮޅެއް ކުރީން ކަމަށެވެ.