މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާގައި އެ ޖަމިއްޔާގެ މެމްބަރުން މެރުމަށް ގޮވާލި ބަޔަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ "ވަން" އަށް ވިދާޅުވީ ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް، އަނގޮޅިތީމުގެ ބަޔަކަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުވާންޖެހޭ ވަކި ދުވަހެއް އަދި ޗިޓު ފޮނުވާފައިވަނީ ކިތައް މީހުންނަށް ކަމެއް ވިދާޅުވެއް ނުވެއެވެ.
މިދިޔަ ހުކުރު ދުވަހު ބައެއް ރަށްރަށުގައި އެމްޑީއެންއާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގެ ތެރެއިން ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާގައި އެމްޑީއެންގެ ވެރިން މެރުމަށާއި އަންދާލުމަށް ގޮވާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އެ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އަނިޔާވެރިކަމަށް ގޮވާލުމާއި މީހުން މެރުމަށް ގޮވާލަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަނގޮޅިތީމު ކައުންސިލުން މީޑިއާތަކަށް ބުނެފައިވަނީ އެރަށުގައި މުޒާހަރާކުރި މީހުން އެފަދައިން ގޮވާފައިވަނީ ނުބައި ވިސްނުމެއްގައި ނޫން ކަމަށާއި އަނިޔާވެރިކަމަށް ގޮވާލުމަކީ ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ބައެއް މީހުންނަށް މަރުގެ އިންޒާރު ދެމުންދާ ދަނޑިވަޅެއްގައި ފުލުހުން ވެސް އިއްޔެ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ބުނީ، އެމްޑީއެން ރިޕޯޓުގެ މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރަމުންދާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ. ހާއްސަކޮށް، އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނަ އާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމުކޮށް ހަދަމުންދާކަން ފާހަގަކޮށްފައިވެއެވެ.