ޚަބަރު

ނައިފަރުގައި ކުރިއަށްދާ ހައުސިން މަޝްރޫއު ހުއްޓާލަން ބަންޑާރަނައިބު އަންގަވައިފި

ޝަހީދާ އަބްދުﷲ ސައީދު

2

ޅ. ނައިފަރުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު، ހައުސިން މިނިސްޓްރީއަށް އަންގަވައިފިއެވެ.

ނައިފަރުގައި ކުރިއަށްދާ ހައުސިން މަޝްރޫއު ހުއްޓާލަން އެންގެވީ، އެ މަޝްރޫއު އަލުން ބީލަމަށް ލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ ނައިފަރުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް މި ވަގުތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގައި އޭޖީގެ އޮފީހުން މިއަދު ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އަލުން އެ މަޝްރޫއު ބީލަމަށް ލާން ސިޓީގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު އާތިފާ ވިދާޅުވީ، މިފަދަ މަޝްރޫއުތަކަކީ އަވަހަށް ނިންމަން ބޭނުންވާ މަޝްރޫއުތަކެއް ކަމަށެވެ.

ނަމަވެސް މިފަދަ އެންގުންތަކުގެ ސަބަބުން އަލުން އެ މަޝްރޫއު ބީލަމަށް ހުޅުވާލައި ކުރިއަށްގެންދިއުމަކީ މަޝްރޫއު ލަސްވެ އެކަމުގައި އުނދަގޫތަކެއް ދިމާވާނެ ކަމެއް ކަމަށާއި ނަމަވެސް އަލުން އެ މަސައްކަތް ބިޑަށް ލައިގެން ރައީސްގެ ވައުދުތައް ފުއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ނައިފަރުގައި 100 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ފަސް އަހަރުގެ ތެރޭގައި ނައިފަރުގެ ބިން ހިއްކައި ދެއްވާނެ ކަމަށާއި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމާއެކު މަގުތައް ހެދުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟