ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯއްދެވުމުގެ އިތުރުން އެގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުތަކުން ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
އަދި ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށައި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް، ޖަޕާނުގެ ވަރަށް ގިނަ އެހީތަކެއް މިހާރު ވެސް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ޖަޕާނާ ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިއަށްގެންދިއުމުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެއް ބޭނުންފުޅަކީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުން އާލާކޮށް، ކުރިއެރުވުންކަމުގައި ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައް ވެސް ކަނޑައެޅި އޮންނަނީ، އެބައެއްގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމްކުރުމުގެ މައްޗަށް ކަމަށެވެ.
އެހެންކަމުން އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުން ވެސް އެކަންކަން ހަނދާނުގައި ބަހައްޓައި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް އެކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.