ޚަބަރު

ޕޮލިސް ކޮމިޝަނާ މަސައްކަތް ކުރައްވަނީ ވަކިކޮޅަކަށް ނުޖެހި، އިތުބާރު އެބައޮތް: އިމްރާން

2

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަސައްކަތް ކުރައްވަނީ ވަކިކޮޅަކަށް ނުޖެހި ޕްރޮފެޝަނަލް ކަމާއެކުގައި ކަމަށާއި ކޮމިޝަނަރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނަވައިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓުގެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގައި ފިޔަވަޅު އެޅިދާނެ ކަމާމެދު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި "މިހާރު" އަށް ދިން އިންޓަވިއުއެއްގައެވެ.

ކޮމިޝަނަރުގެ މަގާމުގައި މުހައްމަދު ހަމީދު ހުންނަވައިގެން އެމްޑީއެންގެ ތަހުގީގު އިންސާފުވެރި ނުވާނެ ކަމަށް ސުވާލު އުފައްދަމުންދަނީ ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވިއިރު އެމްޑީއެންގެ ޑެޕިއުޓީ ޗެއާގެ ގޮތުގައި އެ ޖަމިއްޔާ ތަމްސީލް ކުރައްވާފައިވާތީއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންނަށް ހުށަހަޅާ ބޮޑެތި މައްސަލަތަކުގައި އަދި މުޖުތަމައުގައި ބޮޑެތި މައްސަލަތައް ކުރިމަތިވާ ވަގުތުތަކުގައި ކޮމިޝަނަރު މަސައްކަތް ކުރައްވަނީ ވަކި ކޮޅަކަށް ނުޖެހި، ގާނޫނީ އިމުގެ ތެރެއިން ޕްރޮފެޝަނަލް ކަމާއެކުއެވެ.

އަދި ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށްޓަކައި ކޮމިޝަނާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ މިހާތަނަށް ފުލުހުންގެ ތެރޭގައި ކުރެވިފައިނުވާވަރުގެ ހަރުދަނާ މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.

"މި ވިސްނުމުން ބަލާނަމަ ކޮމިޝަނެއްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތް ތަރުތީބުން ފުރިހަމައަށް އަވަސްކޮށް ކުރައްވަމުން ގެންދަވަވާކަން ފާހަގަކުރަން. ކޮމިޝަނާއަށް މެދުގައި މިކަންކަމުގައި އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް ބައެއް މީހުން ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖޭގައި ނޫޅޭތީ ތަހުގީގަށް ހާޒިރުކުރަން ދައިތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ، އެ ރިޕޯޓުގެ ތަހުގީގަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކުރުމުގައި ހުރި ދަތިތަކުގެ ތެރޭގައި ވެސް މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެ ދަތިތަކާއެކުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގީ މަރުހަލާ ލަސްކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟