ޚަބަރު

ޕީޖީ ބިޝާމް މަގާމުން ދުރުނުކުރީ އިދިކޮޅު މީހުންގެ މައްޗަށް ސިޔާސީ ދައުވާ އުފުލަން: އިދިކޮޅު

ޝަހީދާ އަބްދުﷲ ސައީދު

1

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމު މަގާމުން ދުރުނުކޮށް، ބަހައްޓާފައި ހުންނެވީ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ސިޔާސީ ދައުވާ އުފުލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ވީޖީ ބިސާމުގެ އިތުރުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމުމަށްފަހު ކުއްލިއަކަށް އެކަން ''އޮއްބާލާފައިވާ'' ކަމަށެވެ.

އަދި ބިޝާމުގެ މައްސަލައެއް ނެތް ކަމަށް މިހާރު ނިންމާފައިވާ ކަމަށާއި އެކަން އެގޮތަށް ހިނގަމުންދަނީ ކީއްވެގެން ކަން އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ''ބޮލިރަވަ'' އެއް ގޮތަށް ބިޝާމް ގެންގުޅުއްވަނީ އެމީހުން ބޭނުންވާ ގޮތަށް ދައުވާތައް ކުރުމަށް ކަމަށެވެ.

''...މިހާރު ބިޝާމު އެ އުޅެނީ ތާހަކަށް ދައުވާތައް ލައިގެން ހަމަ ހަނާކޮށްލަކޮށްލާ މީނަ މިހުންނަނީ. ސިޔާސީ ދައުވާ މީނާ ލައްވާ އުފުލަންވެގެން ސަރުކާރުން މިއުޅެނީ. މުހައްމަދު ނަޝީދާއި ރައީސް ސޯލިހު ބޭނުންވަނީ ބިޝާމު ލައްވައި ސިޔާސީ ދައުވާކޮށް އަޅުގަނޑުމެންގެ ތެރެއިން ލީޑަރުންނަށް ބިރުދައްކަން. ރައީސް ސޯލިހާއި ނަޝީދު ބޭނުންވާ ގޮތަށް ސިޔާސީ ދައުވާ ކުރަން ބިޝާމު ވަގުތީ ގޮތުން ސަލާމަތްކޮށްފައި އެހެރީ،'' ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ޕީޖީ ބިސާމު މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައަކީ ސިޔާސީ ދައުވާ އަކަށްވާ ކަމަށާއި ނަމަވެސް މިހާރު އެއީ ސިޔާސީ ދައުވާއަކަށް ނުވާ ކަމަށެވެ.

އަދި ބޭރުގެ ފަރާތްތަކުން ރުހޭ ގޮތަށް ރާއްޖޭގެ ޖުޑިޝަރީ ހަލާކު ކުރަމުންދާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ޖުޑިޝަރީ ހިނގަމުންދަނީ މަޖިލީހުގެ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. އަދި

ޖުޑިޝަރީ އިސްލާހު ކުރުމަކީ ސުޕްރީމް ކޯޓުގެ އަމުރުތައް ޖޭއެސްސީން ނިގުޅައިގަނެ، ފަނޑިޔާރުންނަށް ބިރު ދައްކައި، ވަކި ގޮތަކަށް ހުކުމް ކުރުމަށް އަންގައި ފަނޑިޔާރުންނަށް އިންޒާރު ދިނުން ވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟