އެޖެންސީތައް މެދުވެރިކޮށް ރާއްޖޭން ބޭރުންގެންނަ ސިއްހީ ހިދުމަތްތެރިން ރެކްރޫޓު ކުރާ އުސޫލު އެކުލަވާލައި މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ގެންނަ، ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ހެލްތު ޕްރޮފެޝަނަލުން ގެނައުމުގައި އަމަލު ކުރަމުންގެންދާގޮތާ ގުޅޭގޮތުން އެ މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މިއަދު ކުރިއަށް ގެންދިޔަ އެ ކޮމމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ އެސިސްޑެންޓް ޑިރެކްޓަރ އަނީގާ އިބްރާހިމް ވިދާޅުވީ އެޖެންސީންތައް މެދުވެރިކޮށް މީހުން ރެކްރޫޓް ކުރުމުގައި އެއްވެސް އުސޫލެއް ކަނޑައަޅާފައި ނުވާކަމަށެވެ.
އެހެންކަމުން ޑޮކްޓަރުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން ރާއްޖެ ގެންނަނީ ރަޖިސްޓްރީކޮށްފައިވާ އެޖެންސީތައް ދަފްތަރުކޮށްގެން އެތަންތަނުގެ އެހީގައި ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި އެ އުސޫލު އެކުލަވާލައި ކޮމެޓީއަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގަި ގޮންޖެހުންތަކެއް ހުރި ނަމަވެސް މުއައްޒަފުން އައްޔަން ކުރުމުގައި މިހާރުވެސް އަމަލުކުރަމުންދަނީ ސިވިލްސާވިސްގެ މިންގަނޑަށެވެ.
އެކަންތައްތައް ހައްލުކޮށް މަސައްކަތްކުރަނީ އެޖެންސީތައް މެދުވެރިކޮށް ބޭރުންގެންނަ ހިދުމަތްތެރިން ރެކްރޫޓު ކުރާނެ އުސޫލެއް ކަނޑައެޅުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ އުސޫލު ނިންމައި ތަންފީޒުކުރަން ފެށުމުން ޑޮކްޓަރުންގެ އިތުރުން ސިއްހީ ފަންނުވެރިން ރެކްރޫޓް ކުރުމުގެތެރެއިން ފެންމަތިވާ ކަންތައްތަކުގެ އިތުރުން ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަނީގާ ވިދާޅުވި ގޮތުގައި ހެލްތު ޕްރޮފެޝަނަލުން ގެންނަ 10 ވަރަކަށް އެޖެންސީ ހަރަކާތްތެރިވެއެވެ.
އޭގެ ތެރެއިން އެއް ބަޔަކު މެޑިކަލް އޮފިސަރުން ގެންނައިރު، އަނެއް ބަޔަކު ލެބް ޓެކްނީޝަރުން ގެންނަ ކަމަށާއި، ދެން ތިބި މީހުން ގެންނަނީ ޑޮކްޓަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.