ޚަބަރު

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިބްރާހިމް ޒަކީ

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 27 ވަނ ަދުވަހުގެ 2:00ގެ ނިޔަލަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލިއިރު، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން މީގެކުރިން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ކޮމިޓީން ބުނެފައިވަނީ އެ ނަންތައް ދިރާސާ ކުރުމަށް އެ ބޭފުޅުންނާ އިންޓަވިއު ކުރުން އަންނަ މަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އެފަހަރު ފުރުސަތު ހުޅުވާލެއްވީ އެ ކޮމިޝަންގައި މީގެ ކުރިން ތިއްބެވި، އިސްމާއިލް ސޮފްވާނާއި ހަސަން ނަބާހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށް މިއަދު ހުޅުވައިލެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވާފައި ވަނިކޮށް އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުން ފާތުމަތު ޒައިނާ ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގައި ވަކި ކުރުމާ ގުޅިގެންނެވެ.