ކައުންޓާ ޓެރަރިޒަމް ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 70 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދެ ގައުމުގެ ދެމެދު މިއަދު ސޮއިކުރި މި އެއްބަސްވުމަކީ ޖަޕާންގެ ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ސޮއި ކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެއިކޮ ޔަނާނީއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ''އެކްސްޗޭންޖް އޮފް ނޯޓްސް''ގެ މި އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް ދިނުމަށް ހަމަޖައްސާފައިވަނީ 500 މިލިއަން ޖަޕަނީޒް ޔެން (70 މިލިއަން ދިވެހި ރުފިޔާ)ގެ ހިލޭ އެހީއެއް ކަމަށެވެ.
ޖަޕާނުން ރާއްޖެއަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އެ ގައުމަށް ކުރަންވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.