ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ އޮފީސް އިމާރާތްކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމުގައިވާ، ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކޯ. ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ މި މަޝްރޫއަކީ އެ މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ ހަ ފަންގިފިލާގެ އޮފީސް އިމާރާތެއް ކަމަށެވެ.
މި މަޝްރޫއަށް ހަރަދުކުރާނީ ދިވެހި ސަރުކާރުން ކަމަށާއި، މަޝްރޫއަށް ޖުމްލަ 185،806،545.62 ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.
މަޝްރޫއު ހަވާލުކޮށްފައިވާނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ކޮންޓްރެކްޓުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޯ.ލިމިޓެޑް ގެ ފާރތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ލީގަލް ރިޕްރެޒެންޓޭޓިވް، ވަންގް ހީ އެވެ.
ސަރުކާރުގެ ބައެއް އޮފީސްތައް މިހާރު ވެސް ހިންގަމުން އަންނަނީ ހުރަވީ ބިލްޑިންގް ގަ އެވެ. އެ އިމާރާތް ވަރަށް ބޮޑަށް ބާވެ ދުވަސްވެފައިވީ ނަމަވެސް އެތަން ތަޅާލުން ލަސްވަނީ އެތަނުގައި ހުރި އޮފީސްތައް ބަދަލުކުރާނެ އެހެން ތަނެއް ނުލިބޭތީ ކަމަށް ޕްލޭނިން މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް (ސީއައިޑީޑީ)ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތު ކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ހުޅުމާލޭގައި އެޅުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރި ހަ ފަންގިފިލާގެ އޮފީސް އިމާރާތަކީ ސަރުކާރުގެ އޮފީސްތައް ހިންގުމަށް އަޅާ އޮފީސް އިމާރާތެއް ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.