އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެއިިން ފިޔާޒު މޫސާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރަން ފިޔާޒާ އެކު އިތުރު ދެބޭފުޅެއްގެނަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމުން، އޭގެ ތެރެއިން ފިޔާޒުގެ ނަން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިިން ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
ފިޔާޒުގެ އިތުރުން ކޮމިޓީން ދިރާސާކުރީ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ ނަމެވެ.
ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް އެކަމަށް ހުރިމަތިލެއްވި 9 ބޭފުޅެއް ގެ ނަން ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ. މި ނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީން އިންޓަރވިއު ކުރިއެވެ.
ކޮމެޓީން އިންޓަރވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަންއާ އެވެ.
ހުސައިން ފިޔާޒު މޫސާ އާއި އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ ނަމް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ އިންޓަވިއުއަށްފަހު ފާތިމަތު ޝައުޝަންގެ ނަން އުނި ކުރުމަށްފަހުގަ އެވެ.