ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ''ފައިސާ ބަހާ މަހުޖަނަކީ'' ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ފައިސާ ބަހާ މަހުޖަނެއްގެ ވާހަކަ ވިދާޅުވި ކަމަށެވެ. އަދި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވަނީ މަހުޖަނެއް ކަމަށް ވިދާޅުވެފައިވާތީ، އެބަސް ރައްދު ކުރެއްވީ ގާސިމްއަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ރައީސް ނަޝީދު ނުސީދާކޮށް ވިދާޅުވި މަހުޖަނަކީ ގާސިމް ކަމަށް ބެލެވޭ ކަމަށް ޑރ. ޚަލީލު ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ޖޭއެސްސީގެ މެންބަރު ކަމަށް ދެވޭ ގޮތަށް ގާނޫނު އޮތް ނަމަވެސް، ސަރުކާރު ކޯލިޝަންގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދިއްޖެނަމަ، ގާސިމް އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ދުރުކުރުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ޚަލީލު ވިދާޅުވިއެވެ.
ކޯލިޝަން ސަރުކާރެއް އޮންނައިރު ތަފާތު ފިކުރުގެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިގެންދާނެ ކަމަށާއި، އެހެންކަމަށް ވާނަމަ، މަޖިލީހުގެ ރައީސް ޖޭއެސްސީގެ މެންބަރު ކަމުގައި ހުންނެވުމަށް ކޯލިޝަނުން ބޭނުންނުވާނަމަ، މާދަމާ ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަކީ ދުރުކަމެއް ނޫން ކަމަށް ޑރ. ޚަލީލު ވިދާޅުވިއެވެ.
ޑރ. ޚަލީލު ވިދާޅުވީ ގާސިމް އިބްރާހީމްއަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ގާނޫނު ބުނާގޮތުން ޖުޑިޝަރީއަށް އައްޔަން ކުރައްވަނީ އެދުވަސްވަރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ބަޔަކު ރުހޭ ބޭފުޅުންކަން އޭނާ ފާހަގަކުރެއްވިއެވެ.