ޖަޕާނުގެ ފޮރިން މިނިސްޓަރު މރ. މޮޓޭގީ ޓޮޝިމިޓްސު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގެންނެވީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އެ ގައުމަށް ކުރަންވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.
މި ދަތުރުފުޅުގައި ޖަޕާނުގެ ފޮރިން މިނިސްޓަރާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވީ މިއަދުއެވެ. ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ޖަޕާނުގެ ތަހުތަށް އާ އެމްޕެރަރއެއް އިސްކުރެއްވުމުގެ މުނާސަބާގައި އެގައުމުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު މަރުހަބާ ދެންނެވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ޖަޕާނަށް ތޫފާނެއް އަރައި، އެގައުމަށް ލިބު ގެއްލުންތަކާއި ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެގައުމުގެ ފޮރިން މިނިސްޓަރަށް ތައުޒިޔާ ރައްދުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި ޖަޕާނާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ދެމެދުގައި މަޝްވަރާ ކުރެއްވެވިއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ދެ ގައުމު ގުޅިގެން، އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. ބައިނަލްއަގްވާމީ މައިދާނުގަޔާއި ސަރަހައްދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރުކުރުމާ ގުޅެގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާ މަސައްކަތް ތަަކަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ.