ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިންތިޒާމްކުރާ "ވޭސްޓް ސާވޭ އަދި އޯޑިޓް" މިއަދު ވިލިމާލޭގައި ފަށައިފިއެވެ.
ވެމްކޯ އިން ބުނީ، މި ސާވޭގެ ބޭނުމަކީ އެ ކޯޕަރޭޝަންގެ ހިދުމަތް ހޯދާ ގޭބިސީތަކުގެ ކުނި އުފެދޭ މިންވަރާއި ކުނީގެ ބާވަތްތައް ދެނެގަތުން ކަމަށެވެ. އަދި ކުނި ބަންދުކުރުމުގައި އާންމު ރައްޔިތުން އަމަލުކުރަމުންދާ އުސޫލުތައް ދެނެގަތުމަކީ އެ ސާވޭގެ އެއް މަގްސަދު ކަމަށް ވެމްކޯއިން ބުނެއެވެ.
އެގޮތުން މިއަދުން ފެށިގެން ތިން ހަފްތާގެ މުއްދަތަކަށް ވިލިމާލޭގައި ކުރިއަށްދާ އެ ސާވޭގައި އެވަށުގެ އެކި ޒޯންތަކުން ހޮވާލެވިފައިވާ 336 ގޭބިސީއަށް ވެމްކޯގެ މުވައްޒަފުން ޒިޔާރަތްކުރާނެއެވެ. އެ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒިފެއްކަން އަންގައިދޭ ކާޑެއް އަޅައިގެންނެވެ.
ވެމްކޯއިން ބުނީ، އެ ގޭބިސީތަކުން އުފައްދާ ކުނިކޮޅުތައް ބޭނުންކޮށްގެން "ވޭސްޓް އޯޑިޓް" އެއް ވެސް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ވޭސްޓް އޯޑިޓްގެ ނަތީޖާއަށް ބިނާކޮށް އެ ކޯޕަރޭޝަންގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރެވިގެންދާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރުން އެ ސާވޭ ކުރުމަށް ގޭބިސީތަކަށްދާ މީހުންނަކީ ވެމްކޯގެ މުވައްޒަފުންތޯ ޔަގީންކުރުމަށާއި ޝައްކުކުރެވޭ ފަދަ އަމަލެއް ފާހަގަވެއްޖެނަމަ، ލަސްނުކުރައްވާ އެކޯޕަރޭޝަންގެ ހޮޓްލައިން 1666 އަދި ފުލުހުންގެ ސަމާލު ކަމަށް ގެނައުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.