ޚަބަރު

ގައުމު ތަރައްގީކުރަން އުފެއްދުންތެރި ޖީލެއް ބިނާކުރަންޖެހޭ: ނައިބް ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ގައުމު ތަރައްގީކުރުމަށްޓަކައި އުފެއްދުންތެރި ޖީލެއް ބިނާކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ކޯޕަރޭޓް ސްކޯލަޝިޕް ސްކީމް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު، އެފަދަ މަޝްރޫއުތައް ހިންގުމުގައި ހުރިހާ ކަމެއް ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

އަދި ރާއްޖެ ކުރިއެރުވުމަށްޓަކައި އިތުރު ދާއިރާތަކުން މީހުން ބިނާކޮށްގެން، ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ބޭރު މީހުންނަށް ދޫކޮށްލުމުގެ ބަދަލުގައި ދިވެހިން އެ ވަޒީފާތަކަށް ނުކުންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

'ދިވެހިންނަކީ ހަގީގަތުގައި ވެސް ހުނަރުވެރި ބައެއް. ފަސޭހައިން ކަންތައްތައް ދަސްކުރާ ބައެއް. އެހެންކަމަށްވަންޏާ އެބަޖެހޭ އިތުރު މަސައްކަތްތަކެއް ކުރަން. މިއަދު ގައުމުގެ އެކި ދިމަދިމާލަށް ނަޒަރު ހިންގަލާއިރު އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ވަޒީފާގެ ބާޒާރުގައި ކަންތައްތައް ފެންނަނީކީ. ދިވެހިންނަށް އަދާކުރެވެނެ ވަރަށް ގިނަ ވަޒީފާތަކަުގައި ބޭރު މީހުން އެބަތިބި. ގައުމު ތަރައްގީ ކުރަން ޒުވާން ޖީލެއް ބިނާކުރަން ޖެހޭ އެބަ,'' ނައިބް ރައީސް ވިދާޅުވިއެވެ.

އަދި ވަޒީފާ އަދާކުރުމުގައި ވަގުތަށް ކަމޭ ހިތައި، ވަގުތުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށް ޒުވާނުންނަށް އިލްތިމާސްކޮށް އެމަނިކުފާނު ވިދާޅުވީ، ގައުމެއް ބިނާކުރުމުގައި ކުރިއަރައިދާނީ ވީހާވެސް ގިނަ ތަޖުރިބާކާރުންގެ ބޭނުން ހިފައި، އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި މިއަދު ފެށި ސްކީމުގެ ދަށުން ވަރަށް ގިނަ ޒުވާނުން އެކި ދާއިރާތަކަށް ތަމްރީނު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ތައާރަފުކުރި ކޯޕަރޭޓް ސްކޯލަޝިޕް ސްކީމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށްދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެއް ކަމަށެވެ.

މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.

ކޯޕަރޭޓް ސްކޯލާޝިޕް ސްކީމްގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ، ދިރާގު، އެމްއޭސީއެލް، ސްޓެލްކޯ، އެމްޓީސީސީ، އެމްޑަބްލިއުއެސްސީ، އަދި އާރްއޯއެލް ހިމެނެއެވެ. އަދި އަމިއްލަ ކުންފުނިތަކުގެ ތެރޭގައި އިސްލާމިކް ބޭންކް، ޓްރީ ޓޮޕް ހޮސްޕިޓަލް، އޭޑީކޭ އަދި ކްރައުން ޗަމްޕާ ރިސޯޓްސް ހިމެނެއެވެ.