އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ބައެއް މީހުންނަށް މަރުގެ އިންޒާރު ދެމުންދާ ދަނޑިވަޅެއްގައި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ދިވެހިންގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ ރައްޔިތުންގެ އިހްސާސްތަކާއި ގުޅުންހުރި މައްސަލައެއް ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
"ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަރާތި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަ ފެތުރުމާއި ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުންދާކަމީ މި ސާވިސްއިން ނުހަނު ކަންބޮޑުވާކަމެކެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ވަކިން ހާއްސަކޮށް އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނަ އާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމުކޮށް ހަދަމުންދާކަން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކޮށް ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އެންމެހޭ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާއި މުދާ ރައްކާތެރިކުރުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ނަހަމަގޮތުގައި ބޭނުންކޮށް، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާކަން ފުލުހުން ބުނެފައިވާއިރު، އެމްޑީއެންގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއިލް ވަނީ އޭނާއަށާއި އެމްޑީއެންއާ ގުޅުންހުރި މީހުންނަށް މަރުގެ އިންޒާރު ދެމުންދާކަން ހާމަކޮށްފައެވެ.
އަދި ޝަހިންދާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މަރުގެ އިންޒާރުދީ ޕޯސްޓަރު ތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އަދި ފުލުހުން އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަންވަނީ ފާހަގަކުރައްވައިފައެވެ.