އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް އިދާރީ ފިޔަވަޅު އަޅަން ފޮނުވާނީ ރިޕޯޓާ ގުޅިގެން ހަދަމުންދާ އިލްމީ ދިރާސާ ނިމުމުން ކަމަށް ފުލުހުން ބުނެފިއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިހުރި ވާހަކަތައް ތަހުގީގު ބޭނުމަށްޓަކައި ދިރާސާކޮށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ މައްސަލައާ ގުޅިގެން ތިން ދީނީ އިލްމުވެރިން މެދުވެރިކޮށް ވަކިވަކިން އެ ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއްކޮށް ރިޕޯޓްގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާއި ހިލާފު ވާހަކަތަކާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ..
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވެސް އެ ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އެ ސާވިސްއަށް ހުށަހެޅުނުއިރު އެ ރިޕޯޓުގެ މުސައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން އެމީހުން ތަހުގީގަށް ހާޒިރުކުރުމަށާއި މައްސަލައާ ގުޅިގެން ތަހުގީގުގައި ސުވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބައެއް ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓް ފޮނުވައި، އުޅޭ ވަކި ތަނެއް ނޭގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކޮށްގެން އަންގާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ތަހުގީގަށް މައުލޫމާތު ދެވިދާނެ ކަމަށް ބެލެވޭ އެމްޑީއެންގައި އެ ރިޕޯޓް ތައްޔާރުކުރި ދުވަސްވަރު ކުރެއްވި ފަރާތްތަކާއި އެ މައްސަލައާއި ގުޅުންހުރި މައުލޫމާތު ހުރި އެކިއެކި ފަރާތްތައް ވެސް ތަހުގީގުގައި ސުވާލު ކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
"މި ސާވިސްއިން މި ފަންނުގެ ތަޖުރިބާކާރު އިލްމުވެރިންގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލެވޭ ރިޕޯޓް ނިމުމުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއިން (ޕްރިމިލިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް) ނަމުގައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން އިދާރާ ގޮތުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.