ހއ. ބާރަށުން ރުއްގަސް ނެގި މައްސަލަ ބަލަން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޓީމެއް މާދަމާ އެ ރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، އީޕީއޭގެ ޓީމެއް ބާރަށަށްދަނީ އެރަށުގައި ހިނގަމުންދާ މަޝްރޫއުއެއްގެ ތެރެއިން ގަވާއިދާ ހިލާފަށް ރުއްގަސް ނަގައި، ރަށުން ބޭރުކުރަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ވަކި ގޮތެއް އަންގަންދެން ރުއްގަސް ނެގުމުގެ މަސައްކަތް ހުއްޓާލުމަށް އެ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ބާރަށުގައި ގަވާއިދާ ހިލާފަށް ރުއްގަސް ނެގުމުގެ ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވައިދިނުމަށް އީޕީއޭއިން ވަނީ ފުލުހުންގެ ކިބައިން ވެސް އެދިފައެވެ.
ބާރަށުގައި އަލަށް ގޯތި ދޫކުރި ސަރަހައްދުގެ މަގު ހެދުމަށް ހުއްދަ ދީ، އީއައިއޭ ހެދުމަށްފަހު އެ ހިސާބުން 711 ރުއްގަސް ނެގުމުގެ ހުއްދަ އީޕީއޭއިން ކުރިން ވަނީ ދީފައެވެ.
ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ ޝަމީމު ''ވަން'' އަށް މިރޭ ވިދާޅުވީ، މުޅި ރަށުގައި ނަރުދަމާ އަޅަން ހޮޅިލައިން އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، އަލަށް ދޫކުރި 75 ގޯތި ހިމެނޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ރުއްގަސް ހުރި ސަރަހައްދެއް ކަމަށެވެ. ނަމަވެސް އީޕީއޭއިން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް ބާރަށުން ގަވާއިދާ ހިލާފަށް އެންމެ ރުކެއް ވެސް ނަގާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ބާރަށުން ނެގި ރުއްގަސް ދީފައިވަނީ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދާ ސީނު ކޮމްޕެނީއަށް ކަމަށާއި އެ ކުންފުނިން ރުއްގަސް ގެންގޮސް އެހެން ރަށެއްގައި އިންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހަގީގަތާ ހިލާފު ވާހަކަތައްދައްކަނީ ރަށުގެ ރައްޔިތުން ބަދުނާމު ކުރުމަށް ކަމަށެވެ.