ޚަބަރު

ޖުޑިޝަރީ އިސްލާހު ކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް: މޫސަ

ޝަހީދާ އަބްދުﷲ ސައީދު

ޖުޑިޝަރީގައި މައްސަލަތަކެއް ހުރިނަމަ، އެކަން އިސްލާހު ކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް މުސާ މަނިކު ވިދާޅުވީ ޖޭއެސްސީއަށް ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

އަދި ޖުޑިޝަރީ އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ވަކިކުރުމަށް ބައެއް ފަރާތްތަކުން ބާރު އަޅަމުން ދިޔަ ނަމަވެސް، ޖުޑިޝަރީގައި މައްސަލަތައް އުފެދުނީ ރިޒާ އެކޮމިޝަނަށް ދިއުމުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖުޑިޝަރީއަށް ފޮނުވީ ވަރަށް ގާބިލު މެންބަރެއް. ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައިތޯ ޖުޑިޝަރީގައި މައްސަލަތައް އުފެދެން ފެށީ. ޖުޑިޝަރީ ހަލާކުވެގެން ދިޔައީ މަޖިލީހުގެ މެންބަރެއްގެ ސަބަބުންތޯ މިއަދު ސުވާލުކުރަން ބޭނުން. ޖުޑިޝަރީ އިސްލާހުކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް. ކަންކަން މިއަދު މިއޮތީ ކުކުޅެއް ހާލަކަށް ބަދަލުކޮށްލާ ހިސާބުގައި.'' މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ މެންބަރުންނަށް ހުތުރުވާ ޒާތުގެ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރިޒާއަށް ތާއީދުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މީގެއިތުރުން ބަހުސް މަރުހަލާގައި ވާހަކަދެއްކެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖޭއެސްސީގެ މެންބަރުކަމުގައި އިންނަވާ ބޭފުޅަކަށް ޝަރީއަތުގެ މަޖިލީހުގައި ވަކާލާތު ނުކުރެއްވޭނެ ކަމަށެވެ. އަދި ރިޒާއަކީ ގާނޫނު ހަދާ މަޖިލީހުގައި އިންނަވައިގެން ޖުޑިޝަރީގެ މެންބަރުކަން ވެސް ކުރައްވަމުން، ޝަރީއަތުގެ މަޖިލީހުގައި ވަކާލާތުވެސް ކުރައްވާ ބޭފުޅެއް ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރަން މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ. ކޯޓުތަކުން ފަނޑިޔާރުންނާ ދެކޮޅަށް ޝަރީއަތް ކުރުމުގައި ފަނޑިޔާރުން އިންސާފުވެރި ނުވުމާއި، ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.