ޚަބަރު

"ވާނުވާ" އަމުރުތައް ރިވިއު ކުރަންޖެހޭ ގޮތް ހަދައިފި

ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުންގެ ބަންދު އަމުރު ކޮންމެ މަހަކު އެއް ފަހަރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުރާޖައާ ކުރަންޖެހޭ ގޮތަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައަޅުއްވައިފިއެވެ.

މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާ ނުވަތަ ދައުވާއެއް އުފުލުމަށްފަހު ޝަރީއަތް ފެށުމާއެކު ވެސް މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހަކު ބަންދު ބެހެއްޓުމަށް އަމުރަށް އެދުމުގެ ބާރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބޭއިރު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ.

އެގޮތުން މިއަދު ވަނީ، ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި ބާރުގެ ބޭނުންކުރުމުގައި އަބަދުވެސް ނަގަހައްޓަންޖެހޭ އަސާސުތަކެއް ލިޔެ، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ސޮއިކުރައްވާ ޑިސެމްބަރު 31، 2018 ގައި އާންމުކުރެއްވި "ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު"އަށް އިސްލާހެއް އިތުރުކޮށްފައެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު ކުރައްވާފައިވާ އަމުރު ކޮންމެ 30 ދުވަހަކުން ޕްރޮސެކިއުޓާ ޖެނެރަލް ރިވިއު ކުރަމުން ގެންދަން ޖެހޭނެ ކަމަށެވެ.

އަދި ވަކި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭނެ ހާލަތެއް ނެތް ކަމަށް ފެނިއްޖެނަމަ އެ އަމުރެއް ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެފަދައިން ޕީޖީ ކުރައްވާ މަސައްކަތުގެ ތަފުސީލް ބަޔާންކުރާ ހާއްސަ ރިޕޯޓެއް އެކުލަވާލައި، އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ހިއްސާ ކުރަން ޖެހޭނެ ކަމަށް ވެސް އިތުރުކުރި އިސްލާހުގައި ބުނެފައިވެއެވެ.