މުޅި ލ. އަތޮޅަށް މޯބައިލް ލެބޯޓަރީގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.
މޯބައިލް ލެބޯޓްރީގެ ހިދުމަތް ލ. އަތޮޅުގެ ހުރިހާ ރަށަކަށް ތައާރަފްކޮށްދެއްވީ މިއަދު އެ. އަތޮޅު ކުނަހަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަކުގައި ހިމެނޭ، ރާއްޖޭގެ ހުރިހާ ރަށަކަށް ލެބޯޓްރީ ހިދުމަތް ހޯދަދިނުމުގެ ވައުދު ފުއްދުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ހެލްތް މިނިސްޓްރީން ބުނީ، މޯބައިލް ލެބޯޓްރީގެ ހިދުމަތާއެކު ލ. އަތޮޅުގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ލެބޯޓްރީ ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި ލެބްގެ ހިދުމަތް ހޯދުމަތް އެރަށު ރީޖަނަލް ހޮސްޕިޓަލަށް ނުގޮސް ރަށުގައި ހުރެގެން އެ ހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކުނަހަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނާދިޔާ އަބްދުﷲ ގަފޫރު ވިދާޅުވީ، މޯބައިލް ލެބޯޓަރީގެ ހިދުމަތަކީ އެރަށު ރައްޔިތުންނަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އެގޮތުން އެ ހިދުމަތާއެކު ކުރިން ލެބޯޓަރީ ޓެސްޓެއް ހަދަން ކޮންމެ ހާލެއްގައި ނަމަވެސް އަތުން ބޮޑު ހޭދައެއް ކޮށްގެން ރަށުން ބެރަށް ދާންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ކުނަހަންދޫ ސިއްހީ މަރުކަޒަކީ އެ މަރުކަޒު ހުޅުވުނު ފަހުން އިތުރު އާ ހިދުމަތެއް ދެމުން އަންނަ ތަނެއް ނޫންކަން ފާހަގަކުރައްވާ ނާދިޔާ އިތުރަށް ވިދާޅުވީ، ބޭނުން އެތައް ހިދުމަތެއް އެ ރަށު ސިއްހީ މަރުކަޒުން ނުލިބޭ ކަމަށެވެ.
އަދި އަތޮޅުގެ އެކި ރަށްރަށަށް އަބަދުވެސް ސިއްހީ ހިދުމަތްތައް ހޯދަން ދަތުރު ކުރަންޖެހުން ނިމުމަކަށް އައުމަކީ ސިއްހީ ދާއިރާއަށް ލިބުން ބޮދު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.