ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019" ގެ ޕްރީ އިވެންޓް އެކުވެނި ދުވާ ޓްރެކްގައި ބާއްވައިފިއެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ، 2011 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ ފެސްޓިވަލްގެ އިތުރުން، އެކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލެވެ.
އެގޮތުން މިއަދު ބޭއްވި ޕްރީ އިވެންޓަކީ މި ފެސްޓިވަލްގެ ވާދަވެރި ދުވުމުގެ ހަރަކާތެވެ. ޕްރީ އިވެންޓުގައި ޖުމްލަ ހަ ކެޓަގަރީއަކުން ކުދިން ވާދަކުރިއެވެ.
ދިރާގުން ބުނީ، ޕްރީ އިވެންޓުގައި ވަނަ ވަނައަށްދިޔަ ކުދިންއަށް މެޑަލް ހަވާލުކުރުން އޮންނާނީ ދިރާގު ސެޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ މެއިން އިވެންޓުގައި ކަމަށެވެ. އެ ހަރަކާތުގައި މެޑަލް ދިނުމުގެ އިތުރުން ތަފާތު ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ފުރުސަތުތަކެއް ހޯދައިދިނުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި، މިއަހަރު ހަތަރު ޖަމިއްޔާއަކާއި 14 ސްކޫލުން ބައިވެރިވެއެވެ.
އެގޮތުން ބައިވެރިވާ ޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީގެ އިތުރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ފެސްޓިވަލުގައި ބައިވެރިވާ ސްކޫލްތަކަކީ އަމީރު އަހުމަދު ސްކޫލް، ކަލާފާން ސްކޫލް، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު ސްކޫލް، ހުރަވީ ސްކޫލް ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.