ޚަބަރު

އެމްޑީއެން ރިޕޯޓުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން މީހަކު ހޯދުމަށް އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެން ރިޕޯޓުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށް ހޯދަމުން އަންނަނީ ހ.ސެލްވޭޝަން، ފާތިމަތު ޢަޛްރާ ނަސީމް (47) އެވެ. އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ފޮނުވުމަށް ބޭނުންވެ، އޭނާ އުޅޭ ތަނެއް ފުލުހުންނަށް ނޭނގުމުގެ އިތުރުން އާއިލާއަށް އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވުމުގެ ސަބަބުންނެވެ.

ޢަޛްރާ ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގާފައިވަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ އެމްޑީއެންގެ “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓައި ގުޅިގެންނެވެ. ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ޚިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މިރިޕޯޓާއި ގުޅިގެން އޭނާ ހޯދަމުން އަންނަނީ މި ރިޕޯޓު ލިޔުމުގައި އޭނާގެ އަތެއްވާކަމަށް ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތުން އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ 13:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގް އަށް ޢަޛްރާ ހާޒިރު ވުމަށް ފުލުހުން އަންގައި އިއުލާނުކޮށްފައިވެއެވެ.