ޚަބަރު

ގަވައިދާ ހިލާފަށް ހިންގާ ޓުއަރިޒަމް ހަރަކާތްތައް ރިޕޯޓު ކުރަން ހޮޓްލައިން ނަމްބަރެއް ތައާރަފްކޮށްފި

މަރިޔަމް ޝަހުދާ

ގަވައިދާ ހިލާފަށް ހިންގާ ޓުއަރިޒަމް ހަރަކާތްތައް ރިޕޯޓު ކުރަން ހޮޓްލައިން ނަމްބަރެއް ޓުއަރިޒަމް މިނިސްޓްރީ އިން ތައާރަފްކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އދ.ފުށިދިއްގާ ގައި ދިމާވިފަދަ ކަމެއް ދެވަނަ ފަހަރަށް ހިނގަން ބޭނުން ނުވާކަމަށެވެ. އަދި މިނިސްޓްރީ އިން ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނާއި ހިލާފަށް ފަތުރުވެރިކަމުގެ މަސައްކަތެއް ކުރާނަމަ އެކަން ރިޕޯޓުކޮށްދިނުމަށް އެދި ދެ ހޮޓްލައިން ނަންމަރެއް އާންމުކޮށްފައެވެ. އެއީ 7223131 އަދި 9423131 އެވެ.

''މި ރަށްތަކުގައިވެސް، އަދި އެހެން ރަށެއްގައި ނަމަވެސް، އެހެން މިނިސްޓްރީއަކުން ނަމަވެސް ވަރުވާ އަށް ވިޔަސް އެހެން ކަމެއްގައި ދީފައި އޮންނަ ތަނެއްގައި، ގާނޫނާއި ހިލާފަށް ފަތުރުވެރިކަމުގެ ކަމެއް ހިނގަންޏާ އަޅުގަނޑުމެންނަށް ރިޕޯޓުކޮށްދިނުމަށް އަޅުގަނޑުމެން ގޮވާލަން. އަދި އަޅުގަނޑުމެންނަށް އެހީތެރިކަން ދިނުމަށްވެސް ގޮވާލަން.''

ގަވައިދާ ހިލާފަށް އދ.ފުށިދިއްގާގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ޕިކްނިން އައިލެންޑެއް ހިންގަމުން އަންނަނިކޮށް އެ ރަށް ޓުއަރިޒަމް މިނިސްޓްރީގެ އެދުމަކަށް އިއްޔެ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެރަށް ގެންގޮސްފައިވަނީ ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީގެ ޓީމެއް އެރަށަށް ދިއުމަށް ފަހުއެވެ.

ފުލުހުން އެރަށަށް ދިޔަ އިރު އެރަށުގައި އެއްވެސް ފަތުރުވެރިއެއް ނެތް ކަމަށާއި، ނަމަވެސް ރަށް ބެލެހެއްޓުމަށް ހަވާލުކުރި ދެ ބީދެސީއެއް އުޅެމުން އަންނަ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ދެމީހުންނަކީވެސް ވޯކް ޕާމިޓް ނެތި ރާއްޖޭގައި އުޅެމުން އަންނަ ދެމީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބަންގްލަދޭޝްގެ މި ދެމީހުންނާއި މެދުވެސް އަމަލުކޮށްފައިވަނީ އިންސާނިއްޔަތާއި ހިލާފަށް ކަމަށެވެ. އެ ގޮތުން ރަށަށް އަންނަ މެހެމާނުންގެ ބޭނުންތަކަށް ކަރަންޓު ބޭނުން ކުރުމަށް ޖަނަރޭޓަރެއް ހުރި އިރު، އިރުއޮއްސުމަށްފަހު އެދެ ބިދޭސީން އުޅެނީ އަނދިރީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގާ ބެލެނިވެރިކަމުގެ މައްސަލައިގައި ތިން ފަރާތަކުން އުޅެއެވެ. އެއީ ފުލުހުން އެ ރަށް އަތުލައިގަތް އިރު އެރަށުގައި ޓޫރިސްޓު ހަރަކާތް ހިންގަމުން އައިކަމުގެ ތުހުމަތު ކުރެވޭ މ.ހަސްތީ އަހްމަދު ހަލީލްގެ އިތުރުން ދައުލަތަށް އެ ރަށް ހޯދުމަށް ފައިސާ ދައްކާފައިވާ ދެ ކުންފުނި ކަމަށްވާ އެޗްއެމްއެޗް އަދި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ.

މި މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް އައީ ބެލެނިވެރިކަމަށް ދައުވާ ކުރާ ހަލީލް، އެރަށުގައި ޓޫރިސްޓު ހަރަކާތް ހިންގާ ކަމަށްބުނެ އެކި ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިނިސްޓްރީ އިން މިއަދު އިތުރު ދެ ހޮޓްލައިން ނަމްބަރު އާންމުކޮށްފައިވަނީ ފުށިދިއްގާގައި ހިނގިފަދަ ކަމެއް ހިނގިޔަ ނުދިނުމުގައި އާންމުންގެ އެހީތެރިކަމަށް އެދިއެވެ.