މިއަހަރު ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ރަށްރަށުން ޖުމްލަ 2706 ރުއްގަސް ނަގައިގެން ގެންގޮސްފައިވާއިރު، ބަދަލުގެ ގޮތުގައި 8602 ރުއްގަސް އިންދާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭ އިން ބުނެފިއެވެ.
އީޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ 19 ރަށަކަށް ރުއްގަސް ނެގުމުގެ ހުއްދަ އެ އިދާރާއިން ދީފައިވާ ކަމަށެވެ. އެއީ ށ.ނަރުދޫ، އއ.ތޮއްޑޫ، ރ.ރަސްމާދޫ، ރ.ވާދޫ، އއ.މަތިވެރި، ލ.ގަން، ރ.ރަސްގަތީމު، ލ.ހިތަދޫ، ހއ.މޮޅަދޫ، ރ.އަނގޮޅިތީމު، ލ.ކުނަހަންދޫ، ހއ.ބާރަށް، ނ.މަގޫދޫ ނ.މަނަދޫ، ފ.މަގޫދޫ، ށ.ފޯކައިދޫ، ށ.ގޮއިދޫ، ނ.ޅޮހި އަދި މ.ވޭވަށް މިއެވެ.
ގާނޫނުގައި ވާގޮތުގައި އެއްވެސް ބަޔަކު ރުއްގަސް ނަގަން ބޭނުންނަމަ އެކަން ކުރެވޭނީ އީޕީއޭގެ ހުއްދައާއެކު އެވެ. އެގޮތުން ނަގާ ކޮންމެ ގަހެއްގެ ބަދަލުގައި އިތުރު ދެ ގަސް އިންދަން ޖެހޭ ކަމަށް ރުއްގަސް ނެގުމުގެ ގަވައިދުގައި ބުނެފައިވެއެވެ.
މި ގަވައިދުގެ ދަށުން 19 ރަށަކަށް ރުއްގަސް ނެގުމުގެ ހުއްދަ މިއަހަރުތެރޭ ދޫކޮށްފައިވާއިރު، މިހާތަނަށް މީގެ ކުރީއަހަރުތަކާ އެއްކޮށް، ނެގި ރުއްގަހުގެ ބަދަލުގެ ގޮތުގައި އަލުން ގަސް އިންދާފައިވަނީ ފަސް ރަށަކުން ކަމަށް އީޕީއޭ އިން ބުނެއެވެ. އެއީ ޅ.މަޑިވަރު، ލ.ކުނަހަންދޫ، ނ،މަނަދޫ، ނ.މަގޫދޫ އަދި ރ.ވާދޫ އެވެ.
މީގެ އިތުރުން ތ.މަޑިފުއްށީގެ އިތުރުން ގދ.ވާދޫ އިން ޖުމްލަ 90 ރުކެއް ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ހުއްދަ ދީފައިވާނެ ކަމަށް އީޕީއޭ އިން މައުލޫމާތު ދެއެވެ.