ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި ވިނަވި އެޕްލިކޭޝަން ބޭނުންކުރަން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ހުރިހާ ރަށެއްގައި ވިނަވި ޕޯޓަލް އެޕްލިކޭޝަން ބޭނުންކުރަން ފަށައިފިއެވެ.

ލ. ގަމުގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ.

ވިނަވި އެޕްލިކޭޝަން ތައާރަފު ކުރައްވައި އެ ރަސްމިއްޔާތުގައި ވާހަަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވިނަވީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދޭން ފެށުމަކީ ސިއްޙީ ދާއިރާގެ މައުލޫމާތާއި، ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި ހިދުމަތް ހޯދާ ފަރާތްތަކާމެދު އޮންނަ ގުޅުން ވަރުގަދަ ވުމަށް ލިބުނު ފުރަސަތެއް ކަމުގައެވެ.

އަދި ވިނަވީގެ ސަބަބުން ސިއްޙީ ކަންކަމަށް ހޭދަވާ ހަރަދުތައް ދެނެގަތުމާއި ހާމަކަން ބޮޑުގޮތެއްގައި ސިއްޙީ އެންމެހާ މައުލޫމާތުތައް ރައްކާކޮށް އެ މައުލޫމާތުދެ ބޭނުން ހިފުމަށް ވަރަށްބޮޑު ފުރުސަތެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މިއީ ސިއްޙީ މައުލޫމާތުގެ ބާރުވެރިކަން، ހިދުމަތް ލިބިގަންނަ ފަރާތްކަަށް ލިއްބައިދިން ވަރަށް ވަރުގަދަ ތަޅުދަނޑިއެއް" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވި މިއަދުން ފެށިގެން ރާއްޖޭގެ ސިއްޙީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވިނަވި ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން ވިނަވީގެ ޒަރިއްޔާއިން ޑޮކްޓަރަށް ދައްކައި، ޑޮކްޓަރުދޭ ފަރުވާއާއި، ބޭހާއި، އަދި އެނޫން ގޮތްގޮތުންވެސް ހޯދާ ސިއްޙީ ހިދުމަތްތަކާބެހޭ އެންމެހާ މައުލޫމާތު ވަގުތުން ވަގުތައް ރައްކާކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި މީގެ ސަބަބުން "ކުރިއަށް އޮތް ތަނުގައި ސިއްޙީ ގޮތުން އަދި ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ނިންމުންތައްވެސް މައުލޫމާތައް ބިނާވެ ރަނގަޅު ނިންމުންތައް ނިންމުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ" ކަމަށެވެ.

އަދި "ކުރިއަށް އޮތް ތަނުގައި ދެވޭ ފަރުވާއާއި ދެވޭ ބެހާ، ދޭތެރޭ އުފެދޭ ސުވާލުތަކަށް ޖަވާބުދާރީ ވުމަށްވެސް ވަރަށްބޮޑަށް މަގުފަހިވެގެންދާނެ" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތަގުބަލުގައި ދެވޭ ހިދުމަތާމެދު ސުވާލު އުފައްދައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، މި ދާއިރާއަށް ކުރެވޭ ހޭދަ ޒިންމާދާރުކަމާއެކީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު މުޅިން އާ ހަރުފަތަކަށް ދަތުރުކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސިއްޙީ ނިޒާމު އެއް ވިއުގަ އަކުން ގުޅާ ނުލައި އެ ނިޒާމަށް ގެންނަންވާ ޒަމާނީ ކުރިއެރުން ނުގެނެވޭނެ ކަމަށެވެ.

އެގޮތުން އެކި ފަހަރުގެ މަތިން ވިނަވި އެޕްލިކޭޝަންގެ މަސައްކަތާއި، އެނޫންވެސް އެޕްލިކޭޝަންތައް އަދި ހިދުމަތްތައް ދިނުމުގެ މަސައްކަތް ފެށި ނަަމަވެސް ކުރިއަށް ނުގޮސް ހުއްޓި އެކި މައްސަލަތައް ކުރިމަތިވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އެންމެ ބޮޑު އެއް މައްސަލައަކަށްވީ އެއް ވިއުގަ އަކުން ސިއްޙީ ނިޒާމު ގުޅާލެވިފައި ނެތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ވަނީ ސިއްޙީ ދާއިރާ އެއް ވިއުގަ އަކުން ގުޅާލުން 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައި، އެ މަސައްކަތް އެއްކޮށް ނިންމާލާފައި ކަމަށް މިނިސްޓާރު ވިދާޅުވިއެވެ.

ވިނަވި ޕޯޓަލަކީ އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއިފަސޭހަތަކެއް ގާއިމުކޮށްދީ، ހިދުމަތް ދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ހިދުމަތް ކުރިއަށް ގެންދިޔުމަށްޓަކައި ފަރުމާކުރި ޕޯޓަލެއް ކަމަށް އާސަންދައިން ބުނެއެވެ.

ވިނަވި ޕޯޓަލު ތައާރަފު ކުރުމުން ބަލި މީހާ ޑޮކްޓަރަށް ދައްކަން މެމޯ ހައްދާ ހިސާބުން ފެށިގެން ބަލި މީހާގެ ފަރުވާ ނިމެންދެން، ދެވޭ ފަރަުވާއާއި ބެހޭ ހުރިހާ މައުލޫމާތެއް ޕޯޓަލުގައި ރައްކާކުރެވޭނެއެވެ. އަދި ބަލި މީހާއަށް ވެސް އެމީހާގެ ފަރުވާއާއި ބެހޭ މައުލޫމާތު ''ވިނަވި ކަސްޓަމަރު'' ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.