އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު، ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު މަޖިލީހުގެ ވޯޓުން އެ މަގާމަށް އައްޔަން ކުރުމަށް އެދި އެ ތިން ބޭފުޅުންގެ ނަން ކޮމިީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވި ތިން ބޭފުޅުންނަކީ، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މި ތިން ބޭފުޅުންގެ ނަން ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓް، ކޮމިޓީތަކުން މަޖިލީހަށް ހުށަހަޅާ ކަންތައްތަކުގެ ތެރެއިން މާދަމާ މަޖިލީހަށް ހުށަހަޅާނެއެވެ. އެއަށްފަހު އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު އޮންނާނީ ވޯޓަށް އަހާ ގަޑީގައި ވޯޓަށް އެހުމެވެ.
ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ، އެކަމަށް ހުރިމަތިލެއްވި 9 ބޭފުޅެއް ގެ ނަން މަޖިލީހަށް ފޮނުއްވެވިއެވެ. މި ނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަރވިއުކުރިއެވެ.
ކޮމެޓީން އިންޓަރވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަން އެވެ. މި ބޭފުޅުންގެ ތެރެއިން ފާތިމަތު ޝައުޝަން ނޫން އަނެއް ތިން ބޭފުޅުންގެ ތެރެއިިން ބޭފުޅަކަށް މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ކޮމެޓީގައި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ނުވަ މެމްބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ.