އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އާއި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު، މި ދެބޭފުޅުންގެ ތެރެއިިން ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅަން އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް މިމައްސަލަ އެޖެޑާކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާކަމެއްގެ ގޮތުގައެވެ.
އެހެންކަމުން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، އެ ދެބޭފުޅުންގެ ނަން މަޖިލީހަށް އިއްވައި، އެ ދެނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާނެ އެވެ.
މަހާޒް އާއި ދިޔާނާ، ގެ ތެެރެއިން ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވެވީ، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް އެންމެ އިސްކަންދޭ ދެ ނަމެއް ފާހަގަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ.
ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ، އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ އާއި، ފަނޑިޔާރުއަލްއުސްތާޒު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު އެވެ.