ލ. ގަން ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ވިނަވި އެޕްލިކޭޝަން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރަން ފެށުމަށް ލ. ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް ވިނަވި ތައާރަފު ކުރުމަކީ ސިއްހީ ދާއިރާއަށް އިތުރުވެގެންދިޔަ ބޮޅެއް، އަދި ލިބުނު އިތުރު ހިއްވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލ. އަތޮޅަކީ، ރާއްޖޭގެ އެކި ހިސާބުތަކަށް ސިއްޙީ ކުރިއެރުވުން ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ވަރަށް މުހިންމު ކަންތައްތަކެއް އަމާޒުކުރެވިފައި އޮތް އެއް ސަރަހައްދު ކަމަށެވެ. އެގޮތުން ލ. ގަމުގެ ހޮސްޕިޓަލަކީ ކުރިއަށް އޮތް ތަނުގައި ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ހޮސްޕިޓަލެއް ކަމަށް ވިދާޅުވިއެވެ.
އަދި ހޮސްޕިޓަލް ޓާޝަރީ ކުރުމުގެ ކުރިންވެސް، ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްހާ ދުވަހުގެ ތެރޭގައި، ގަން ހޮސްޕިޓަލަށް ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހޮސްޕިޓަލްގެ އިމާރާތައް އަންނަން ޖެހޭ ކުރިއެރުމާއި، ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުރިހަމަކުރުމައްޓަކައި ވަސީލަތްތަކަށް ގެންނަންޖެހޭ ކުރިއެރުން ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހާއްސަގޮތެއްގައި ހޮސްޕިޓަލުގައި ކަރަންޓު އުފެއްދުމައް ކުރަންޖެހޭ މުހިންމު މަސައްކަތްވެސް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެމަސް ދުވަހަކީ ލ. ގަން ހޮސްޕިޓަލަށް މިހާތަނަށް އައިސްފައިނުވާ ކުރިއެރުމާއި ތަރައްގީ އަންނާނެ މުއްދަތެއްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، "ހޮސްޕިޓަލުގެ މިހާރު ހުރި އިމާރާތައް ގެންނަންޖެހޭ ފުރިހަމަކަމާއި ލެބޯޓަރީ އަށް އިތުރުކުރަންޖެހޭ ވަސީލަތްތައް އިތުރުކުރުމާއި، އަދި އުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މުހިންމު މަސައްކަތް ތަކެއް މިހާރު ކުރަމުންދާ" ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ސިއްޙީ ހިތުމަތް ފުޅާކޮށް، ޒަމާނީކޮށް، ވަސީލަތްތައް ހަމަކޮށް، ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ހިދުމަތައް ބޭނުންވާ ތަމްރީނާއި ހުނަރު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
ސިއްހީ ދާއިރާ މިހާ ހިސާބަށް އައި އިރު ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްޙީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ސިއްޙީ ދާއިރާއަށް ކުރާ ހަރަދަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހާއްސަކޮށް އާސަންދަ އުފެދި ސިއްހީ ހުރިހާ ކަމަށް ދައުލަތުން ހޭދަކުރަން ފެށުމާ ގުޅިގެން، އެ ދާއިރާއަށް މުހިންމު އާ ދޮރުތަކެއް ހުޅުވިގެން ދިއަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އާސަންދައިގެ ސަބަބުން ހިދުމަތް ހޯދައި އެ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން ސިއްޙީ ހިދުމަތް ދޭ ތަންތަންވެސް އިތުރުވެގެން ދިޔަކަމަށެވެ.