ޚަބަރު

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވައިފި

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވައިފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރަން ރައީސުލް ޖުމްހުރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ފޮނުއްވި ނަންތަކުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

މީރާގެ ބޯޑުން މެމްބަރުކަން ހުސްވުމުގެ ސަބަބުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ރައީސުލްޖުމްހުރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންނާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ބޭފުޅުންގެ ނަމާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހަ ނަންފުޅެއް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

މީރާގެ ބޯޑަށް ބަދަލު ގެނައުމަށް ބިލު ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ. އެގޮތުން ބޯޑުގެ ހަތް މެންބަރުންގެ ތެރޭގައި ހިމެނޭނީ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންނާއި ދައުލަތުގެ މާލިއްޔަތު ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި، ޓެކުހުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައި ހުންނަވާ ބޭފުޅެއް ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި މިހާރު އޮންނަ ގޮތުން މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އާންމުކޮށް އިއުލާންކޮށްގެން އެކަމަށް ކުރިމަތިލާ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.