އދ.ފުށިދިއްގާ ގައި ދެ ބިދޭސީން ބައިތިއްބާފައި ތިބީ އިންސާނިއްޔަތާ ހިލާފް ގޮތަކަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުށިދިއްގާ އަކީ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ލިބޭ ގޮތަށްހުރި ރަށެއް ކަމަށެވެ. ނަމަވެސް އެ ރަށުގައި މަސައްކަތް ކުރަން ބައިތިއްބާފައިތިބި ދެ ބިދޭސީން އުޅެނީ ކަނު އަނދިރީ ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިރުއޮއްސުމަށްފަހު އެ ދެ ބިދޭސީން ވެސް އުޅެނީ ފުޅި ބައްތީގެ އެހީގައިކަމަށެވެ. އަދި އެރަށުގައި ހުރި ޖަނަރޭޓަރަކީ އެ ރަށަށް ހިދުމަތް ހޯދަށް ދާ ފަރާތްތަކަށް އެކަނި ކަރަންޓު ބޭނުން ކުރެވޭގޮތަށް ހުރި އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ އިންސާނިއްޔަތު ކަމާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީގެ ޓީމެއް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ޚިޔާނާތުގައި، ތިން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މިރަށަށް އިއްޔެގެ ވަގުތެއްގައި ގޮސްފައެވެ. އަދި ފުލުހުން ވަނީ މިނިސްޓްރީގެ އެދުމަށް މި ރަށުގައި ގަވައިދާ ހިލާފަށް ހިންގަމުން އައި މަސައްކަތް ހުއްޓުވައި، ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއްސައެވެ.
އިންސާނިއްޔަތާ ހިލާފަށް ބައިތިއްބާފައި ކަމަށް ބުނާ ދެ ބިދޭސީންނަކީ ފުށިދިއްގާ ބެލެހެއްޓުމަށް އެރަށުގައި ތިބި ދެމީހުންނެވެ. އަދި މި ދެމީހުންނަކީ ވެސް ވޯކް ޕާމިޓެއް ނެތް ދެމީހުންކަމަށް މިނިސްޓްރީން ރޭ ބޭއްވި ޕްރެސް ގައި މައުލޫމާތު ދީފައިވެއެވެ. އަދި އޭގެ ތެރެއިން އެކަކީ ގަވާއިދާ ހިލާފްވެގެން ހޯދަމުންދާ މީހެއް ކަމަށް މިނިސްޓްރީން ބުނެފައިވެެއެވެ.
ފުށިދިއްގާގެ ބެލެނިވެރިކަމުގެ މައްސަލައިގައި ތިން ފަރާތަކުން މަސައްކަތް ކުރަމުން ގެންދެއެވެ.
އެއީ ފުލުހުންގެ ބެލުމުގެ ދަށަށް އެރަށް ގެނައި އިރު އެރަށުގައި ޓޫރިސްޓު ހަރަކާތް ހިންގަމުދާކަމަށްބުނާ މ.ހަސްތީ އަހްމަދު ހަލީލްގެ އިތުރުން، އެ ރަށް ހޯދުމަށް ދައުލަތަށް ފައިސާ ދައްކާފައިވާ ދެ ކުންފުނި ކަމަށްވާ އެޗްއެމްއެޗް އަދި މޯލްޑިވިއާނާ ކިޔާ ކުންފުންޏެކެވެ.
މި މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް އައީ ބެލެނިވެރިކަމަށް ދައުވާ ކުރާ ހަލީލް، އެރަށުގައި ޓޫރިސްޓު ހަރަކާތް ހިންގާ ކަމަށްބުނެ އެކި ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.