ޚަބަރު

އެންއޭއެމް ސަމިޓް ގައި ރާއްޖެ ތަމްސީލުކުރުމަށް ފޮރިން ސެކްރެޓަރީ ބަކު އަށް ފުރާވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ނޮން އެލައިންޑް މޫވްމަންޓް (އެންއޭއެމް) ސަމިޓްގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރުމަށް ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރް މުހައްމަދު މިއަދު ބަކު އަށް ފުރާވަޑައިގެންފިއެވެ.

18 ވަނަ އެންއޭއެމް ސަމިޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ގޮތް މަޝްވަރާކުރުމަށް ބާއްވާ މިނިސްޓަރުންގެ ބައްދަލުވުން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އަންގާރަދުވަހުގެ ނިޔަލަށް އަޒަރްބައިޖާން ގެ ވެރިރަށް، ބަކު ގައެވެ.

18 ވަނަ އެންއޭއެމް ސަމިޓް ރަސްމީކޮށް ފަށައި ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 25 އަދި 26 ވަނަ ދުވަހު ބަކުގައެވެ.

މި ސަމިޓުގައި، އެންއޭއެމް ގެ ޗެއާމަން ކަން ކުރިއަށް އޮތް ތިން އަހަރަށް އަޒަރްބައިޖާން ގެ ސަރުކާރާ ހަވާލުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

120 ގައުމަކާއެކު ނޮން އެލައިޑް މޫވްމަންޓް އުފެދިގެން އައީ 1961 ވަނަ އަހަރު އެވެ. މިއީ ދުނިޔޭގެ ބޮޑު ދެބާރުގެ ތެރެއިން އެއްވެސް ފަރާތަކަށް ނުޖެހި ތިބި ގައުމުތަކުގެ މެދުގައި އުފައްދާފައިވާ މޫވްމަންޓެކެވެ.