ޚަބަރު

އަނބިމީހާގެ މަރުގެ މައްސަލައިގައި ޝާހުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް އާއްމު ނުކުރުމަށް ޕީޖީ އެދިއްޖެ

އިބްރާހިމް ޒަކީ

ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފީ އަޑުއެހުންތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އެދިއްޖެއެވެ.

އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު ގޯސްވެގެން ޒިޔާދާ ނިޔާވީ 2015ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން އުފުލިއެވެ.

އެއީ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.

މި މައްސަލައިހައި ޝާހުގެ މައްޗަށްކުރި ހަތަރު ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، މިއަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ.

ނަމަވެސް އޭޕްރީލް އަށެއްގައި މި ހުރިހާ މައްސަލަތަކެއް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އެ މައްސަލަތައް ކްރިމިނަލް ކޯޓިގައިވެސް ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާލައިގެންނެން ނޫނެވެ. އެހެންކަމުން ހައި ކޯޓުގައި ކުރިއަށްދާ މައްސަލަތައްވެސް އާއްމު ނުކޮށް ކުރިއަށް ގެންދިއުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޖީޕީ އޮފީހުން ވަނީ ބުނެފައެވެ.