ޚަބަރު

ހަދަން ފަށާފައިވާ ރަށްތައް މީގެ ކުރިން ދުވަހަކުވެސް އިންސްޕެކްޓް ކޮށްފައެއް ނުވޭ

މަރިޔަމް ޝަހުދާ

ހަދަން ފަށާފައިވާ ރަށްތައް މީގެ ކުރިން ދުވަހަކުވެސް އިންސްޕެކްޓް ކޮށްފައި ނުވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން މިހެން ބުނެފައިވަނީ އދ. ފުށިދިއްގާގެ މައްސަލައާއި ގުޅިގެން ރޭ ޓުއަރިޒަމް މިނިސްޓަރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަމުންނެވެ. ވަހީދު ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް ހަދަން ފަށާފައިވާ ރަށްތައް އިންސްޕެކްޓް ކޮށްފައި ނެތް ނަމަވެސް، މިނިންޓްރީ އިން އެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

''ޑިސްޓްރެސް 70 އައިލެންޑް އެބަފެނޭ, މީގެ ކުރިން ދުވަހަކުވެސް ނެތް މިތަނުން އިންސްޕެކްޓް ކޮށްފައެއް. އެހެންވީމަ ގޮސް ފަހެއް. ދިހައެއް، ބާރަ އަހަރުވަންދެން، މީހެއްގެ އުމުރު ދުވަހު މިހާ ގިނަ ރަށްތަކެއް ރާއްޖޭގަ މިހުރީ. އެކަން ކުރަން އަޅުގަނޑުމެން ތައްޔާރުވެފަ މިއޮތީ.''

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން މިނިސްޓްރީގެ މުވައްޒަފުންނާއި ސިފައިންނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ރެޖިސްޓާ ވެގެން ހިންގާ ތަންތަނުގެ އިންސްޕެކްޝަންއެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އެމަސައްކަތް އެއްކޮށް ނިމިފައިވާއިރު، އެ މަސައްކަތުގެ ދަށުން 1000 އަށް ވުރެ ގިނަ ތަންތަން ބެލުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަދަން ފަށާފައިވާ ރަށްތައް އިންސްޕެކްޓް ކުރަން ނިންމީ މި މަސައްކަތް ނިންމުމަށް ފަހު ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ހަދަން ފަށާފައިވާ ރަށްތައް އިންސްޕެކްޓް ކުރުމަށް ޝެޑިއުލް ތައްޔާރުކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުގައި ޕިކްނިކް އައިލެންޑް އެޅުމަށް ނިންމާފައިވާ ނިންމުން ތަކާއި ގުޅިގެން މިނިސްޓަރު ވާހަކަ ދެއްކެވިއެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ތެރޭގައި އއ، އދ، ބ، ވ އަދި މާލެ އަތޮޅުގެ އެއްވެސް ރަށެއްގައި އެފަދަ މަސައްކަތެއް ކުރުމުގެ ޕްލޭނެއް ނެތް ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ތަރައްގީކުރާނެ ރަށްތައް އަންނަ ނޮވެމްބަރު ތެރޭ ރައީސް އިއުލާނު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ސަރުކާރުގެ ޕްލެޖްގައި އެބައޮތް ޕިކްނިކް އައިލެންސްއާއި މިކަންކަން. މިފަހަރު ޓުއަރިޒަމަށް ކަނޑައަޅަ ނިންމި ރަށްތަކުގައި ވެސް އއ، އދ، ބ، ވ އަދި މާލެ އަތޮޅުގެ އެއްވެސް ރަށެއް ނުހިމެނޭނެ. އުއްމީދު ކުރަނީ ނޮވެމްބަރު މަހު ރައީސް އިއުލާނު ކުރައްވާނެ ކަމަށް.''

ރޭގެ ޕްރެސް އަކީ ރާއްޖޭގެ ނޫސްތަކުގައި ފުށިދިއްގާގައި ޓުއަރިޒަމް ހަރަކާތްތައް ގެންދާކަމުގެ ހަބަރު ގެނެސް ދިނުމުން މިނިސްޓްރީގެ ސަމާލުކަމަށް އެމައްސަލަ އައިސް، މިނިސްޓްރީ އިން އެކަމަށް ފިޔަވަޅު އެޅުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ފުލުހުންނާއި މިނިސްޓްރީ ގުޅިގެން އެރަށުގައި ކުރާ މަސައްކަތުގެ ކުޑަ ތަފްސީލެއް މިނިސްޓަރު ވަނީ ދެއްވާފައެވެ.