ޚަބަރު

ޓޫރިޒަމް މިނިސްޓްރީއަކީ ރަށް ބަލަހައްޓާ ތަނެއް ނޫން، އެކަން ކައުންސިލްތަކަށް ހަވާލު ކުރާނަން: މިނިސްޓަރު

މަރިޔަމް ޝަހުދާ

ޓޫރިޒަމް މިނިސްޓްރީއަކީ ރަށް ބަލަހައްޓާ މިނިސްޓްރީއެއް ނޫން ކަމަށާއި އެކަން ކުރުމަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ހަވާލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް ޓޫރިސްޓުންގެ އަތުން ފައިސާ ނަގަމުންދާތީ އދ. ފުށިދިއްގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ ދަފްތަރުގައި އޮތް ރަށްތައް ބެލެހެއްޓޭނެ ގޮތެއް ކަނޑައެޅިފައެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ ލާމަރުކަޒީ ނިޒާމުގައި، މި ރަށްތައް ބެލެހެއްޓުމުގެ ޒިންމާ ކައުންސިލްތަކަށް ދިނުމަށް ހިމެނޭކަމަށް ވިދާޅުވިއެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް މިހާރު ގެނައުމަށް ކަނޑައަޅަފައިވާ ބަދަލުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރުގައި އޮތް ރަށްތަކަށް ވާނެ ގޮތެއް ލާމަރުކަޒީ ގާނޫނާއެކު އިނގިގެންދާނެ ކަމަށެވެ.

''ލާމަރުކާޒީ ގާނޫނު ނިމިގެން އަންނައިރު އެއާއެކު މި ރަށްތަކަށް ވާންވީ ގޮތެއް ނިމިގެން އަންނާނެ. އޭގެ އިތުރުން ފާހަގަކޮށްލަން، ޕޮލިސީ ލެވަލްގައި އައި ވިސްނުމެއް، މިނިސްޓްރީން މި ރަށްތައް ބަލަހައްޓަންޔާ ވެސް ކަމަކު ނުދާނެ، ޓޫރިޒަމް މިނިސްޓަރެއްގެ ހައިސިއްޔަތުން ބޭނުމެއް ނޫން މިނިސްޓްރީއަކީ ރަށް ބަލާ ބަޔަކަށްވާކަށް. ރަށް ބަލަހައްޓަންޔާ ބަލަހައްޓަން ޖެހޭނީ ކައުންސިލް ތަކުން. އެއީ ކައުންސިލްތަކުގެ ވަރަށް ބޮޑު އެދުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަނުގެ ދަށުން ކައުންސިލްތަކާއި ރަށްތައް ހަވާލުކުރާނަމަ އެކަން ކުރަން ޖެހޭނީ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ. ނަމަވެސް މިހާރު އެފަދަ އުސޫލެއް ހެދިފައި ނެތް ކަމަށާއި އެހެންކަމުން އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަމާއި އެއްވަރަށް ޓޫރިޒަމް މިނިސްޓްރީ ކުރިއަރަމުން ނުދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ ހިންގަނީ އެކަށިގެންވާ މިންވަރަށް މުވައްޒަފުން ނެތި ކަމަށެވެ.

''އާ ސަރުކާރުގެ މެނިފެސްޓޯ އާއެކު އެސްއޭޕީ އާއެކު، ސިވިލް ސާވިސްގެ އިސްވެރިންގެ އިއްތިފާގުން ނިންމީ އިތުރު 43 މުވައްޒަފުން މިނިސްޓްރީއަށް ބޭނުންވާ ކަމަށް. އޮފީހާ ހަވާލުވިއިރު ތިބީ ކިރިޔާ 40 އަކަށް މުވައްޒަފުން. އެބަ ފެނޭ ރާއްޖޭގެ އިންޑަސްޓްރީ ބޮޑުވި މިންވަރާއި އަޅާބަލާއިރު މިނިސްޓްރީ ކުރިއަރާފައި ނެތް މިންވަރު ނުވަތަ، ހިއުމަން ކެޕިޓަލް ނެތް މިންވަރު،" މިނިސްޓަރު ވިދާޅުވިއެވެ.