ޚަބަރު

ﷲގެ އިސްމުފުޅު ލިޔެވިފައިވާ މަހެއް ބޭނިއްޖެ

މަރިޔަމް ޝަހުދާ

ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓު ކައިރިއަށް މަހަށް ގޮސް އުޅުން ބަޔަކަށް ﷲގެ އިސްމުފުޅު ލިޔެވިފައިވާ މަހެއް ބޭނިއްޖެއެވެ.

އެ މަސް ބޭނުނީ ލޯންޗެއްގައި ނ. މަނަދޫ އިން މަހަށް ނުކުތް ބަޔަކަށެވެ. މަސް ބޭނުނުއިރު ޑިންގީގައި އިން ހުސެއިން ޝިޔާމް "ވަން" އަށް ބުނީ، މިއަދުގެ ފަތިސް ނަމާދަށްފަހު އޭނާއާއި އިތުރު ދެ ރަހްމަތްތެރިއަކު ދިޔަ މަސް ދަތުރެއްގައި ހަތަރު ވަރަކަށް މަހާއި ހަ ވަރަކަށް ލައްޓި ބޭނުނު ކަމަށެވެ. އަދި ﷲގެ އިސްމުފުޅު ލިޔެވިފައިވާ މަހެއް ބޭނުނުކަން އެނގުނީ އެ މަސްތައް ސާފުކުރަން ނެގި ވަގުތު ކަމަށެވެ.

''އެހެންޏާ އަސްލު ދާ ލޯންޗުގައި މަސްކަނޑާ، އެކަން ކަމެއް ނުކުރަން. ރަށަށް އައިސް ރަށުގަ ކުރަނީ. އެކަމަކު ޓައިމް ނެތީމަ މިއަދު ބުނީ މަސްތައް ފުރޮޅާ ސާފުކޮށްލާށޭ. އެކަން ކުރަން މަސްތައް ނެގި ގަޑީ އެއިން ކުއްޖަކަށް ފެނުނީ. ﷲގެ އިސްމުފުޅު ލިޔެވިފަ އިންދާ,'' ޝިޔާމް ކިޔައިދިނެވެ.

އޭނާ ބުނީ، އެ މަހުން އިތުރު ކަމެއް ވެސް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން މިއަދު ބޭނުނު މަސްތައް ބެހެއްޓީ ބޮޑު ވަތްގަނޑެއް ކަހަލަ އެއްޗަކައް ކަމަށާއި އެއީ އަމިއްލަ އަށް ހުރެގެން މަސްތަކަށް ގެއްލުމެއް ލިބޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި މަސްތައް ސާފުކުރަން ފެށީ ބޭނިތާ 45 ވަރަކަށް މިނެޓް ނުވަނީސް ކަމަށް ޝިޔާމް ބުންޏެވެ.

ނަމަވެސް ﷲގެ އިސްމުފުޅު ލިޔެވިފައިވާ މަސް ސާފުކުރަން ނެގި ވަގުތު، އިސްމުފުޅު އިން ފަޅި ނޫން އަނެއްފަޅި ފަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

''މަސްތައް އެހާ މަދު ވީމަ އެއްޗަކަށް އަޅާފަ ހުންނާނީ ބޮޑު ވަތްގަނޑެއް ކަހަލަ އެއްޗަކަށް. އޭގަ އަމިއްލަ އަށް ހުރެގެން ޑެމޭޖުވުމުގެ އެއްވެސް ގޮތެއް ނެތް. އަނެއްކާ ބޭނިތާ 45 ވަަކަށް މިނެޓް ވާނީ. ވަރަށް ފްރެޝްކޮށް އެ އެއްޗެހި ހުންނާނީ ގެނައިއިރު ވެސް. ފާހަގަކުރެވުނީ އޭރު މަސް ކަރުއަޅަން ނަގާފަ ދެން މިނެޓެއްހާއިރު ފަހުން ނެގިއިރު އިސްމުފުޅު އިން ފަޅި ނޫން އަނެއްފަޅި އިނީ ފަޅައިގެން ގޮއްސަ. މަސްގަނޑު ޑެމޭޖުވެފަ ވަރަށް ބޮޑަށް. އެއީ ކިހިނެތް ވެގެންވީ ކަމެއް ނޭނގެ. ގައިމު ވެސް އަޅުގަނޑުމެންގެ ތެރެއިން މީހެއްގެ އަތުން ވީ ކަމެއް ނޫން. މަސް ވެއްޓިފައެއް ވެސް ނެތް.'' ޝިޔާމް ބުންޏެވެ.

ޝިޔާމް މެންނަށް ބޭނުނު މި މަހުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.