ޚަބަރު

ބައިބައިވުމާއި ރުޅިވެރިވެރިކަމުން ދުރުވެ ދަރިންނަށް ނަމޫނާ ދެއްކެވުމަށް ނައިބު ރައީސް ގޮވާލައްވައިފި

މަރިޔަމް ޝަހުދާ

1

ބައިބައިވުމާއި ރުޅިވެރިވެރިކަމުން ދުރުވެ ދަރިންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބާގައި އެ ސްކޫލުން މިއަދު ހުޅުމާލޭގައި ބޭއްވި ޕެރޭޑުގެ ހަރަކާތްތައް ނިންމާލަމުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެކުވެރިކަން ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިއަދު ޕެރޭޑުން ވެސް ދައްކައިދިނީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި އެއްބައިވަންތަ ކަމަކީ ދިވެހިން އެކަމަކަށްޓަކާ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ގައުމުދެކެ ލޯބިވާ، ގުޅިގެން މަސައްކަތްކުރާ އަދި ދީން ދެކެ ލޯބިވާ ދަރީންތަކެއް އުފެއްދުން މުހިއްމުކަން ފާހަގަކުރައްވާ ނައިބް ރައީސް ފައިސަލް ވިދާޅުވީ، އެކަން ހާސިލްވާނީ، އެންމެން ގުޅިގެން ދަރިންނަށް އެކަންކަމުގައި ނަމޫނާ ދައްކައިގެން ކަމަށެވެ.

އަދި އަމީނިއްޔާ ސްކޫލްގެ މިއަދުގެ ޕްރޭޑުން ފިލާވަޅު ހާސިލްކޮށް، އެކަމުން މިސާލު ނަގައި، ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ އަމީނިއްޔާ ސްކޫލަކީ ގައުމަތް ހިދުމަތްތެރި ދަރިންތަކެއް ބިނާކުރުމުގައި އިސް ރޯލެއް އަދާކުރި ސްކޫލެއް ކަމަށާއި އެ ސްކޫލުން ކާމިޔާބު އަދި ހުނަރުވެރި ފަރާތްތަކެއް މުޖުތަމައުއަށް ނެރެދީފައިވާ ކަމަށެވެ.

އެގޮތުން އަމީނިއްޔާ ސްކޫލްގެ އިސް ދަރިވަރުންގެ ތެރޭގައި ސަރުކާރުގެ އެކި އިސް މަގާމުތައް މިހާރު ފުރުއްވާ ބޭފުޅުންނާއި ކުރިން އެކި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ތިބިކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި ނޫންވެސް ގައުމަށް އެކި ހިދުމަތްތެރި މަގާމުތަކާއި ދާއިރާތަކުގައި އަމީނިއްޔާގެ އިސްދަރިވަރުން ހަރަކާތްތެރިވާކަން ނައިބު ރައީސް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްއަށް 75 އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރު ފެށުނީއްސުރެ އެ ސްކޫލުން އަންނަނީ އެސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟